ކ. ތުލުސްދޫގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ 30 އެނދުގެ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ރަސްމީކޮށް ފަށައިފި އެވެ. މި މަޝްރޫއުގެ ދަށުން ހޮސްޕިޓަލް އެޅުމަށް ބޭނުންވާ ބިން ސާފުކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާއިރު، މިހާރު ދަނީ ސައިޓްގައި ފެންސު ޖަހައި، ސައިޓް ސެޓަޕް ހެދުމުގެ މަސައްކަތް ކުރިއަށް ގެންދާކަމަށް އެމްޓީސީސީން ފާހަގަކުރި އެވެ.
އެމްޓީސީސީން ބުނި ގޮތުގައި، ކ. ތުލުސްދޫގައި އިމާރާތް ކުރާ މި ހޮސްޕިޓަލަކީ 30 އެނދުގެ ހޮސްޕިޓަލެކެވެ. މި މަޝްރޫއުގެ ދަށުން 1،729.12 އަކަފޫޓުގެ ހެލްތް ސެންޓަރުގެ ބްލޮކަކާއި، 238.11 އަކަފޫޓުގެ ސާވިސް ބްލޮކަކާއި، 167.63 އަކަފޫޓުގެ އެކަމޮޑޭޝަން ބްލޮކެއް ވެސް ހިމެނެ އެވެ.
ހެލްތް ސެންޓަރުގެ ބްލޮކުގައި ޒަމާނީ ފެންވަރުގެ އެކިފަދަ ހިދުމަތްތައް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން ޑޮކްޓަރަށް ދައްކާ ކޮޓަރިއާއި، މެޑިކަލް ވޯޑުތަކާއި، ޕްރައިވެޓް ރޫމްތަކާއި، ލެބޯޓްރީއަކާއި، އޮޕަރޭޝަން ތިއޭޓަރަކާއި، ވިއްސާ ކޮޓަރިއަކާއި، އެކްސްރޭ ކޮޓަރިއަކާއި، އަލްޓްރާ ސައުންޑް ކޮޓަރިއަކާއި، އިމްޖެންސީ ހިދުމަތްދޭ ޔުނިޓެއްގެ އިތުރުން ޕަބްލިކް ހެލްތު ޔުނިޓެއް ވެސް މި ހޮސްޕިޓަލްގައި ތަރައްގީ ކުރެވޭނެ ކަމަށް އެމްޓީސީސީން ފާހަގަކުރި އެވެ.
މިއީ 101.71 މިލިއަން ރުފިޔާއަށް ސިއްހީ ވުޒާރާއިން އެމްޓީސީސީއާ ހަވާލުކުރި ބިޔަ މަޝްރޫއެކެވެ. މި މަޝްރޫއުގެ މަސައްކަތް ނިމުމާއިއެކު، 1680 މީހުންގެ އާބާދީއެއް ދިރިއުޅޭ ކ. ތުލުސްދޫ ރައްޔިތުންނަށް، އެމީހުންގެ ރަށުގައި ތިބެގެން ފަސޭހަކަމާއެކު ސިއްހީ ފަރުވާ ލިބޭނެ މަގު ފަހިވެގެންދާނެ އެވެ. މިއީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް އެމީހުންގެ ރަށްރަށުން ފޯރުކޮށްދިނުމުގެ ސަރުކާރުގެ ސިޔާސަތު ހާސިލުކުރުމަށް އެޅޭ މުހިއްމު ފިޔަވަޅެކެވެ.