ދިވެހިރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށް ހާއްސަކޮށްގެން ލުއި ލޯނު ދިނުމުގެ ސްކީމެއް ތަޢާރަފް ކުރުމުގެ މަސައްކަތްތައް ސަރުކާރުން ފަށައިފިއެވެ. މިކަމާއި ގުޅިގެން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވަނީ، އެދާއިރާތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ހިޔާލު ހޯއްދެވުމަށް ކޮންޓެންޓް ކްރިއޭޓަރުންނާއި ބައްދަލުކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށް ހާއްސަކޮށްގެން ލުއި ލޯނު ދިނުމުގެ ސްކީމެއް ހުޅުވާލުމަށް ނިންމަވާފައެވެ. މި ނިންމެވުމާއި ގުޅިގެން، އެދާއިރާތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ހިޔާލުހޯދުމަށް އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސަޢީދު ވަނީ ކޮންޓެންޓް ކްރިއޭޓަރުންނާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގެ މަޤްސަދަކީ، މި ޕްރޮގްރާމް އެންމެ އެކަށޭނެ ގޮތަކަށް ކުރިއަށްގެންދިއުމަށްޓަކައި، ކޮންޓެންޓް ކްރިއޭޓަރުންނަށް ދިމާވާ ގޮންޖެހުންތަކާއި އެފަރާތްތަކުގެ ބޭނުންތައް ދެނެގަތުންކަމަށް އިޤްތިޞާދީ ތަރައްޤީ އާއި ބެހޭ ވުޒާރާއިން ފާހަަގަކުރި އެވެ.
މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވަޒީރު މުހައްމަދު ސައީދު ވިދާޅުވީ، މި ބައްދަލުވުންތަކުގެ ތެރެއިން ލިބޭ ހިޔާލުތަކާއޮ ވީހާވެސް އެއްގޮތްވާ ގޮތުގެމަތީން މިޕްރޮގްރާމް ކުރިއަށް ގެންދިއުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އެގޮތުން ވަޒީރު ވަނީ މީޑިއާ ކޮންޓެންޓް، އޯޑިއޯ ވީޑިއޯ އިމޭޖް ޕްރޮޑަކްޝަން، އެންޓަރޓެއިންމަންޓްގެ އިތުރުން ސޭލްސްއާއި މާކެޓިންގެ ދާއިރާތަކުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ބައްދަލުކުރައްވާފައެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، މި ބައްދަލުވުންތަކަކީ އެފަދަ ފަންނުތަކުން ވިޔަފާރީގެ ފުރުސަތު ހޯދައިދިނުމުގެ މަޤްސަދުގައި ކުރެވޭ މުހިއްމު މަސައްކަތެއް ކަމުގައެވެ. ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށް ހާއްސަކޮށްގެން ތައާރަފް ކުރާ މި ލޯން ސްކީމަށް ކުރިއަށް އޮތް ދެހަފްތާ ތެރޭގައި ހުޅުވާލާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.
ދިވެހިރާއްޖޭގައި ކްރިއޭޓިވް އިކޮނޮމީއެއް ބިނާކޮށް، ފަންނުވެރި އަދި އީޖާދީ މަސައްކަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދީ، އެ ސިނާއަތްތައް އިތުރަށް ކުރިއެރުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހާއްސަ ތަސައްވުރެކެވެ. ރާއްޖޭގައި ކްރިއޭޓިވް އިކޮނޮމީއެއް ޤާއިމް ކުރުމަކީ ރައީުލްޖުމްހޫރިއްޔާގެ މެނިފެސްޓޯގައި ހިމެނޭ މުހިންމު ވައުދުފުޅަކަށް ވާއިރު، 2030 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަމުގެ %15 ހިއްސާއަކީ ކްރިއޭޓިވް އިންޑަސްޓްރީއަށް ހެދުމަކީ ސަރުކާރުގެ އަމާޒެކެވެ. މި އަމާޒު ހާސިލް ވާނެ ކަމުގެ ޔަޤީންކަން ލިބިވަޑައިގެންފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފަ އެވެ.
އަންނަ އަހަރަކީ ޤައުމީ އުފެއްދުންތެރިކަމުގެ އަހަރެއްގެ ގޮތުގައި ކަނޑައެޅުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންކަން ފާހަގަ ކުރެވެއެވެ.