އިސްރާއީލުން ދޯހާއަށް ދިން ޙަމަލާއަކީ ހަމައެކަނި ޤަތަރުގެ އިސްޤުގުލާލަށް ދިން ޙަމަލާއެއް ނޫން ކަމަށާއި، އެ ޙަމަލާ އަކީ މުޅި ޢަރަބި އަދި އިސްލާމީ ދުނިޔޭގެ ކަރާމާތަށް ވެސް ދިން ޙަމަލާއެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދޯހާގައި ވިދާޅުވެއްޖެއެވެ.
ޤަޠަރުގެ އަމީރު ޝެއިޚް ތަމީމް ބިން ޙަމަދު އަލް ތާނީއަށް ޝުކުރު އަދާކުރައްވަމުން، ދޯހާގައި ބޭއްވި ކުއްލި ޢަރަބި އިސްލާމިކް ސަމިޓުގައި ރައީސް ސިފަކުރެއްވި ގޮތުގައި އެ ޙަމަލާއަކީ ޞުލްޙައަށް ބުރޫ އަރާ ގޮތަށް ފަރުމާކޮށްފައިވާ "އިންސާނިއްޔަތާއި ޚިލާފު ޖަރީމާއެކެވެ. އެހެންކަމުން އިސްރާއީލު ޖަވާބުދާރީ ކުރުވުމަށްޓަކައި އިޤްތިޞަދީ ގޮތުން އެ މީހުންނަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ރައީސް ގޮވައިލެއްވިއެވެ. ވިދާޅުވީ އިސްރާއީލުން ޙަމަލާ ދިނީ ޤަޠަރުން ޙަމާސް އާއި ނަތަންޔާހޫގެ ސަރުކާރާއި ދެމެދު ޞުލްޙަ ޤާއިމުކުރުމަށް މަސައްކަތް ކުރާތީ އެކަމާއި ދެކޮޅަށެވެ.
"އިޒްރޭލުން ދޯހާއަށް ޙަމަލާ ދިނުމުގެ ބޭނުމަކީ ޞުލްޙައަށް ޙަމަލާދީ، މެދުވެރިއެއްގެ ދައުރަށް ހުރަސްއެޅުން...،" އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދޯހާގައި ތަޤްރީރު ކުރައްވަނީ.. (ސްކްރީންޝޮޓް)
ޤަޠަރަށް ދިން ޙަމަލާ ކުށްވެރިކުރައްވައި ބައިނަލްއަޤްވާމީ ޕޯޑިއަމްތަކުގައި އެންމެ ގަދަޔަށް ޣައްޒާގެ ދިފާޢުގައި ވާހަކަފުޅު ދައްކަވާ ރާއްޖޭގެ ރައީސް ޑރ. މުޢިއްޒު ސިފަ ކުރެއްވީ ޤަޠަރުގެ ކަރާމަތަކީ ދިވެހިންގެ ވެސް ކަރާމަތް ކަމަށާއި ޤަޠަރަށް ދިން ޙަމަލާ އަކީ ދިވެހިންނަށް ވެސް ދިން ޙަމަލާއެއް ކަމަށެވެ.
ރައީސް އިލްތިމާސް ކުރެއްވީ ބައިނަލްއަޤްވާމީ ޤާނޫނީ މުއައްސަސާތަކުގެ ކުރިމަތީގައި އިސްރާއީލުގެ ލީޑަރުން ޖަވާބުދާރީ ކުރުވުމާއި، ސިޔާސީ އަދި އިޤްތިޞާދީ ފިޔަވަޅުތައް އެޅުމާއި، އަދި ޣައްޒާއަށް އަވަސް އިންސާނީ އެހީއެއް ދިނުމަށާއި ހަނގުރާމަ ހުއްޓުވުމަށް ޤަޠަރުން ކުރާ މަސައްކަތްތަކުގައި ދެމިއޮތުމަށެވެ.
ރައީސް މުޢިއްޒުގެ ތަޤްރީރުގައި އެ މަނިކުފާނު ވަނީ ފަލަސްޠީނުގެ ބިންތައް ބައިނަލްއަޤްވާމީ ޤާނޫނާއި ޤަވާޢިދުތަކާއި މުޅިން ޚިލާފަށް ގަދަބާރުން ހައްދުފަހަނަ އެޅި ޓެރަރިސްޓު އިސްރާއީލުން ހިފަމުންދާތީ އެކަން ވަރަށް ހަރުކަށި ޢިބާރާތުން ކުށްވެރި ކުރައްވާފައެވެ. އަދި ޣައްޒާ އަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޒައެނިސްޓް ޖަމާޢަތުން ހުރަސް އަޅައި ޑޮކްޓަރުންނާއި ނޫސްވެރިންނާއި އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަށް ދެމުންދާ ޙަމަލާތައް ވެސް ރައީސް ވަރަށް ހަރުކަށި ޢިބާރާތުން ކުށްވެރި ކުރެއްވިއެވެ.
ރައީސް ވިދާޅުވީ އިސްރާއީލުން ހިންގަމުން ދަނީ އިންސާނިއްޔަތާއި ދެކޮޅަށް ޖަރީމާތައް ކަމަށެވެ.