ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކަށް ބިން ހަވާލުކުރަން ފަށައިފި

އައިޝަތު ރުވާ ރިފްޢަތު | 16 ދުވަސް ކުރިން - 14 ސެޕްޓެންބަރު 2025 00:06
ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކަށް ބިން ހަވާލުކުރަނި/ ފޮޓޯ:ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް
ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކަށް ބިން ހަވާލުކުރަނި/ ފޮޓޯ:ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް
ޚުލާސާ

ވަގުތީ ކޮންސްޓްރަކްޝަން ސައިޓްތަކުގެ ގޮތުގައި މިހާރު ބޭނުން ކުރަމުން އަންނަ ބިންތައް ކޮންޓްރެކްޓަރުން ހުސްކުރުމުން އެ ބިންތައް ދޫކުރާނެކަަމަށް ވަޒީރު ވިދާޅުވި.

ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކަށް ބިން ހަވާލު ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް މިރޭ ވިދާޅުވެއްޖެ އެވެ. މިއީ މާލޭގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ހޯދައިދިނުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ބިންވެރިޔާ ސްކީމްގެ ދަށުން ކުރިއަށްދާ މުހިންމު މަސައްކަތެކެވެ.

މި ސަރުކާރު އައިސް ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނެސް، އާ ޕްލޭނެއް ގެޒެޓުކުރުމަށްފަހު، މިހާތަނަށް 843 ފަރާތަކަށް ގޯތީގެ ރަޖިސްޓްރީ ވަނީ ދޫކޮށްފަ އެވެ. ކުރީ ސަރުކާރުން ގުޅީފަޅުން 150 ހެކްޓަރުގެ ބިން ހިއްކައި، މާލޭ ރައްޔިތުންނަށް ގޯތި ދީ ރަޖިސްޓްރީ ހަވާލުކޮށްފައި ވަނިކޮށް، މި ސަރުކާރުން ވަނީ އެތަނުގެ ލޭންޑް ޔޫސް ޕްލޭން ބަދަލުކޮށް، ގޯތި ލިބޭ ތަންތަން އަލުން ކަނޑައަޅާފަ އެވެ.

ވަޒީރު މުއްތަލިބު ވިދާޅުވީ ބިންވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅުން ދޫކޮށްފައިވާ ގޯތިތައް ހަވާލު ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

މީގެ އިތުރުން ވަޒީރު ވިދާޅުވީ، "ވަގުތީ ކޮންސްޓްރަކްޝަން ސައިޓްތަކުގެ ގޮތުގައި މިހާރު ބޭނުން ކުރަމުން އަންނަ ބިންތައް ކޮންޓްރެކްޓަރުން ހުސްކުރުމުން އެ ބިންތައް ދޫކުރާނެ" ކަމަށެވެ.

އެގޮތުން، ބިންވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅުން ދޫކުރާ ގޯތިތަކުގެ ބިންތައް ސާފުކޮށް، އިންވަކިކުރުމުގެ މަސައްކަތް ފަށާފައިވަނީ ސެޕްޓެންބަރު މަހުގެ ތިން ވަނަ ދުވަހު ކަމަށް ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ބުންޏެވެ.

އާ ލޭންޑް ޔޫސް ޕްލޭނުގެ ދަށުން، މިހާރު ހިއްކާފައިވާ ބިމުން އާންމުންނަށް ހުރިހާ ގޯތިތަކެއް ދޫކުރަން ވަނީ ނިންމާފަ އެވެ. އަދި ރެޒިޑެންޝަލް ނޫން އެހެނިހެން ބޭނުންތައް އަލަށް ހިއްކަން ނިންމާފައިވާ ސަރަހައްދަށް ވަނީ ބަދަލުކޮށްފަ އެވެ. މި ބަދަލާއެކު ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކަށް އަވަހަށް ބިންތައް ލިބި، އާބާދުވުމުގެ މަގު ފަހިވެގެންދާނެ ކަމަށް ވުޒާރާއިން ފާހަގަކުރި އެވެ.



TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%