މާދަމާ ގަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކުއްލި އަރަބި-އިސްލާމީ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގަތަރުގެ ދޯހާއަށް ފުރާވަޑައިގެންފި އެވެ. މި ދަތުރުފުޅަކީ، ދިވެހިރާއްޖެއާއި ގަތަރުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ އިތުރުން، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ދިފާއުކުރުމަށް ދިވެހިރާއްޖެއިން ދެމެހެއްޓޭ ސާބިތުކަން ދައްކުވައިދޭ މުހިންމު ދަތުރުފުޅެކެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި، މި ސަމިޓުގައި ރައީސް ތަގުރީރުކުރައްވާނީ އިސްރާއީލުން މި މަހުގެ 9 ވަނަ ދުވަހު ފަލަސްތީނަށް ދިން ހަމަލާއާ ގުޅޭގޮތުންނެވެ. އެ މަނިކުފާނު ވަނީ އިސްރާއީލުން ދެމުންދާ ހަމަލާތައް ހުއްޓުވައި، މިހާރުން މިހާރަށް އިސްރާއީލަށް ފިޔަވަޅު އެޅުމަށް ގޮވާލައްވާނެކަމަށް ވެސް ރައީސް އޮފީހުން ފާހަގަކުރި އެވެ.
ރައީސް އޮފީހުން އިތުރަށް ބުނީ ، ފަލަސްތީނުގެ ރައްޔިތުންނަށް ލިބިގެންވާ ހައްގުތައް ދިފާއުކުރުމަށް ދިވެހިރާއްޖެއިން ދެމެހެއްޓޭ ސާބިތުކަން މި ބައްދަލުވުމުން ވަރުގަދަކޮށްދޭނެ ކަމަށެވެ.
ހަމައެއާއެކު، ސަރަހައްދުގައި އިސްރާއީލުން ހިންގަމުންދާ އަނިޔާވެރިކަމާއި، އިންސާނިއްޔަތާ ހިލާފު ޖަރީމާތައް ހުއްޓުވުމަށް ބައިނަލްއަގުވާމީ ފަރާތްތަކުން އަވަސް އަދި އެކުވެރި އަމަލީ ފިޔަވަޅުތަކެއް އެޅުމަށް ދިވެހިރާއްޖެއިން ގޮވާލާ ގޮވާލުން ވެސް މި ބައްދަލުވުމުން ރަމްޒުކޮށްދެއެވެ.
އަރަބި އިސްލާމިކް ސަމިޓަކީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ މެމްބަރު ގައުމުތަކުގެ ލީޑަރުން ބައްދަލުކުރާ ސަމިޓެކެވެ. މި އެއްބަސްވުމަކީ މުސްލިމް މުޖުތަމައުގެ އަޑު އުފުލައި، މި ސަރަޙައްދުގެ އަމަންއަމާންކަމާއި ސަލާމަތާއި ރައްކާތެރިކަން ގާއިމުކުރުމަށް ބައިނަލްއަގުވާމީ ފެންވަރަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ގޮވާލާ މުހިންމު ފޯރަމެކެވެ.