އޭލެވެލްގެ ކްރައިޓީރިއާއަށް އައި ބަދަލާއެކު މިއަހަރު 3000 އަށް ވުރެ ގިނަ ދަރިވަރުން އޭލެވެލް ކިޔަވަން ފަށައިފި އެވެ.
މި އަހަރުގެ އޭލެވެލް ކިޔެވުން ފެށުނީ މިއަދު އެެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި މިއަހަރު 3000 އަށް ވުރެ ގިނަ ދަރިވަރުން އޭލެވެލް ކިޔަވާނެ އެވެ. އެއީ މިދިޔަ އަހަރާ ބަލާއިރު 49 ޕަސެންޓު ގިނަ އަދަދެކެވެ.
ގިނަ ދަރިވަރުންނަށް އޭލެވެލްއަށް ކިޔެވުމުގެ ފުރުސަތު ދިނުމުގެ ގޮތުން، މިދިޔަ މަހުގެ ތެރޭގައި އެޑިއުކޭޝަން މިނިސްޓްރީން ވަނީ މަތީ ސާނަވީން ޖާގަދޭ ކްރައިޓީރިއާ ދަށްކޮށްފަ އެވެ.
އޭލެވެލް ކިޔެވޭނެ ތިން މަގެއް ވަނީ ފަހިކޮށްފަ އެވެ. އެއީ:
އެކަޑަމިކް ސްޓްރީމް؛ އެއީ އޯލެވެލްގައި ވަކި އަދަދެއްގެ މާއްދާތަކުން ސީ ގްރޭޑަށް ވުރެ މަތި ލިބިފައިވުން. މި ގޮތަށް ބަލާއިރު ވެސް ކުރިއަށް ވުރެ ދަރިވަރުންނަށް ލުއިކޮށްދީފައިވޭ
ސްކޫލުގައި ކުރިއަށް ގެންދާ ވޮކޭޝަނަލް އެޑިއުކޭޝަން ކިޔެވުން މަސައްކަތުގެ މާހައުލުގައި ކިޔެވުމުގެ އެޕްރެންޓިޝިޕް ޕްރޮގްރާމް ފުރިހަމަކުރުން
އޭގެ އިތުރުން، އޭލެވެލްއަށް ކިޔަވައިދޭ ރަށްރަށުގެ ސްކޫލުތަކުގައި ޖާގަ އޮތް ނަމަ، ޝަރުތު ހަމަނުވާ ނަމަ، މިނިސްޓްރީގެ ހުއްދައާ އެކު ކިޔެވުމުގެ ފުރުސަތު ވަނީ ދީފަ އެވެ.









