45 އަށް ވުރެ ގިނަ ޤައުމުގެ 700 އަށް ވުރެ ގިނަ އެކްޓިވިސްޓުންނާއެކު ގްލޯބަލް ޞުމޫދު ފްލޮޓިއްލާގެ ބައިވެރިން އިސްރާއީލުން ބަންދުކޮށްފައިވާ ޣައްޒާއާ ދިމާލަށް އިއްޔެ ދަތުރު ފަށައިފިއެވެ.
ޚަބަރުތައް ބުނާ ގޮތުގައި ޓިއުނީޝިއާގެ ބިޒެރްޓޭ ބަނދަރާއި ސިސިލީގެ އޮގަސްޓާ ބަނދަރުން އިއްޔެ ފްލޮޓިއްލާ ފުރައިގެން ދިޔައިރު، މިއީ ތާރީޚުގައި ވެސް އެންމެ ގިނަ ޢަދަދެއްގެ މީނުންނާއިއެކު ދަތުރުކުރާ ފަހަރެވެ. މި ބޮޑު ފްލޮޓިއްލާގައި ގާތްގަނޑަކަށް 50 އުޅަނދު އެބަ ދަތުރުކުރެއެވެ.
މީގެ ކުރިން ބާސެލޯނާއިން ދިޔަ ބޯޓުން ކުރި މަސައްކަތްތައް ޔަހޫދީ އަނިޔާވެރި ޒައެނިސްޓް ސިފައިން ހުއްޓުވި ނަމަވެސް، ބައިނަލްއަޤްވާމީ ވަކީލުންނާއި އެކްޓިވިސްޓުން ތިބި މި އުޅަނދުތަކުގެ އަމާޒަކީ އިސްރާއީލަށް ޕްރެޝަރު ކުރުމެވެ.
މި ފްލޮޓިލާ ކުރިއަށް ގެންދަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ފަލަސްތީނުގެ އެތައް ހާސް ބަޔަކު މަރުވެފައިވާ އިސްރާއީލުން ޣައްޒާއަށް ކުރަމުންދާ ހަމަލާތަކުގެ ސަބަބުން ހަނގުރާމައިގެ ޖަރީމާތަކުގެ ތަހުގީގު ބައިނަލްއަގްވާމީ ކްރިމިނަލް ކޯޓާއި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި ކުރިއަށްދާ ދަނޑިވަޅެއްގަ އެވެ.
ހުސްވި ހަފްތާގައި ޚަބަރު ލިބުނު ގޮތުގައި އިސްރާއީލުން ޕްލޭން ކޮށްފައި ވަނީ ފްލޮޓިއްލާގެ އުޅަނދުތައް ހިފަހައްޓައި އެކްޓިވިސްޓުންތައް ހައްޔަރުކުރުމަށެވެ.









