ގިނަ އަދަދެއްގެ ސިނގިރޭޓް އަދި ދިވެހި ރުފިޔާއާއި އެކު ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، މިއަދުގެ ވަގުތެއްގައި ހުޅުމާލޭ ފުރުތަމަ ފިޔަވަހި، ކަންނެލި ޖެޓީ ކައިރީ ހުރި މީހަކަށް، ރަށުތެރެ ޕެޓްރޯލް ކުރަމުންދިޔަ ފުލުހުން ފެނުމުން، އޭނާގެ އަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން އެމީހާ ހުއްޓުވައި ބަލާ ފާސްކޮށްފައިވާ ކަމަށެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އެމީހާއާއި އެމީހާ ގެންގުޅުނު ތަކެތި ބަލައި ފާސްކުރިއިރު، ގިނަ އަދަދެއްގެ ސިނގިރޭޓް ފޮއްޓާއި، ދުންފަތާއި، ސިނގިރޭޓް ފިލްޓަރު އަދި ރިޒްލާ ފެނިފައިވާ ކަމަށެވެ. މީގެ އިތުރުން 53,000 އަށްވުރެ ގިނަ ދިވެހި ރުފިޔާގެ އިތުރުން ސިނގިރޭޓް އަނބުރަން ބޭނުންކުރާ ފޮއްޓެއް ފެނިފައިވާ ކަމަށެވެ.

ގަވާއިދާ ހިލާފަށް ސިނގިރޭޓް ވިޔަފާރިކުރުމުގެ ތުހުމަތުގައި އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް މިހާރު ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ރައްޔިތެއް ކަމަށްވާ އެމްޑީ ސައްދާމް ހޮސައިން (32އ) އެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް، ފުލުހުން ވަނީ އިތުރަށް ބުނެފަ އެވެ.









