ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ފްރާންސްގެ ބޮޑުވަޒީރުކަމުގެ މަގާމަށް، ސިބަސްޓިއާން ލުކޮޣްނިއު އައްޔަންކުރެއްވުމާ ގުޅިގެން، ތަހުނިޔާ ފޮނުއްވައިފި އެވެ.
ރައީސް ފޮނުއްވި ތަހުނިޔާގެ މެސެޖުގައި ވިދާޅުވެފައިވާ ގޮތުގައި، ބޮޑުވަޒީރު ލުކޮޢްނިއުއަކީ މަގާމުގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރެއްވުމުގެ ގާބިލުކަން ލިބިވަޑައިގެން ހުންނެވި ބޭފުޅެއްކަން ޔަގީންކުރައްވާ ކަމަށް ވަނީ ވިދާޅުވެފަ އެވެ.
ލުކޮޣްނިއުގެ ވެރިކަމުގައި ހާސިލުކުރައްވަން ބޭނުންފުޅުވާ ލަނޑުދަނޑިތަކަށް ވާސިލުވުމުގައި، ކާމިޔާބީއަށް އެދިވަޑައިގަންނަވާކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.
މީގެ އިތުރުން ދިވެހިރާއްޖެއާއި ފްރާންސާއި ދެމެދު އޮތް ޒަމާންވީ އެކުވެރިކަމާއި، ދޭދޭ މަސްލަހަތު ހިމެނޭ ކަންކަމުގައި އެއްގައުމުން އަނެއްގައުމަށް ދެމުންދާ އެއްބާރުލުން، ބޮޑުވަޒީރު ލުކޮޣްނިއުގެ މިދައުރުގައިވެސް ދެމިއޮންނާނެކަން ޔަގީންކުރައްވާ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.
ރައީސް އިތުރަށް ވިދާޅުވެފައިވަނީ ބޮޑުވަޒީރު ލުކްޣްނިއުއަށް ކާމިޔާބީއާއި، ދުޅަހެޔޮ ސިއްހަތަކަށް އެދިވަޑައިގަންނަވާ ކަމަށާއި، އަދި ފްރާންސްގެ ރައްޔިތުންނަށް އަމަންއަމާންކަމާއި ކުރިއެރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.