މާތްﷲ ސުބުހާނަހޫ ވަތައާލާ އަޅުތަކުންނަށް ދެއްވާފައިވާ އެންމެ ބޮޑު ނިއުމަތްތަކުގެ ތެރޭގައި ސުވަރުގެ ހިމެނެ އެވެ. އެއީ މުއުމިނުންނަށް މާތްﷲ ދެއްވާ ވައުދެކެވެ. ސުވަރުގެއަކީ ދާއިމީ އަދި ބަޔާންކުރެވޭނެ އެއްވެސް ބަހަކުން އޭގެ ރީތިކަމާއި ފުރިހަމަކަން ބުނެދެވޭނެ ތަނެއް ނޫނެވެ. އެހެންނަމަވެސް، މާތް ﷲގެ ރަހްމަތްފުޅުގެ ތަނަވަސްކަން ހަމައެކަނި ސުވަރުގެއަށް ވަންނަ ފުރަތަމަ ބަޔަކަށް ނުވަތަ އެންމެ އަވަހަށް ވަންނަ ބަޔަކަށް ހާއްސައެއް ނޫނެވެ. އެކަލާނގެ ރަހްމަތްފުޅު އެހާ ތަނަވަހެވެ. ސުވަރުގެއަށް ވަންނަ އެންމެ ފަހުގެ މީހާއަކީވެސް މާތް ﷲގެ ރަޙްމަތްފުޅު ލިބިގެންވާ މީހެކެވެ.
މާތްﷲ ރުއްސުންލެއްވި އަބްދުﷲ ބުނު މަސްއޫދު ރަޟިޔަﷲ އަންހު ވިދާޅުވެފައިވެ އެވެ. (ޤިޔާމަތްދުވަހު) އެންމެ ފަހުން ނަރަކައިން ނުކުންނަ މީހާ ބައެއްފަހަރު ހިނގަމުން އަނެއްބައިފަހަރު ވެއްޓެމުންކަހަލަ ގޮތަކަށް ނަރަކައިން ނުކުންނާނެ އެވެ. އަދި ބައެއްފަހަރު އޭނާގެ ހަށިގަނޑު އަނދަމުން ދާނެ އެވެ. މިގޮތަށް އޭނާ ނަރަކައިން ނުކުމެވުމުން ބުނާނެ އެވެ. "ތިމަން މިތަނުން ސަލާމަތްކޮށްދެއްވި ފަރާތަކީ ބަރަކާތްލެއްވިފައިވާ ފަރާތެކެވެ. އެކަލާނގެ ތިމަންނައަށް ކުރީންނާއި ފަހުގެ އެއްވެސް މީހަކަށް ނުދެއްވާފަދަ ނިޢުމަތްތައް ދެއްވައިފި އެވެ."
ދެން އޭނާއަށް ގަހެއް ދައްކަވާހުއްޓެވެ. އެހިނދު އޭނާ ދަންނަވާނެތެވެ. "އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! މިއަޅާ އެގަސް ކައިރިކޮށްދެއްވާނދޭވެ! އެއީ އެގަހުން ހިޔާލިބިގަތުމަށާއި އެގަހުގެ ފެނުން ފެންބުއިމަށްޓަކައެވެ. ދެން މީގެ ފަހުން އެފަދަ ކަމަކަށް އެދިނުދަންނަވާނަމެވެ." ދެން މާތްﷲ އަންގަވާނެއެވެ. "އޭ އާދަމުގެ ދަރިޔާ އެވެ! ތިބާ މީގެ ކުރިންވެސް ވަނީ ތިޔަފަދަ އަހުދެއް ކޮށްފައެއް ނޫންހެއްޔެވެ؟ ތިމަން ރަސްކަލާނގެ އެކަން ކޮށްދެއްވައިފިނަމަ ތިބާ އަދިވެސް އިތުރަށް އެދޭނެއެވެ." އޭނާ ދަންނަވާނެ އެވެ. "ނޫނެކެވެ. އިތުރު އެއްވެސް އެއްޗަކަށް އެދިނުދަންނަވާނަމެވެ."
އެގޮތަށް އަހުދު ހިއްޕެވުމަށްފަހު އެގަހުގެ ހިޔާ ލިބިގަތުމަށާއި އެގަހުން ފެން ލިބިގަތުމަށް އެގަހާ ކައިރިކޮށްދެއްވާނެއެވެ. އަދި އެ އަހުދު ހިއްޕެވިއިރު އޭނާއަށް އެގޮތުގެމަތީގައި ނުހުރެވޭނެކަންވެސް އެކަލާނގެ ރަނގަޅަށް ދެނެވޮޑިގަންނަވައެވެ. އަދި އެކަލާނގެ އޭނާގެ އުދުރުވެސް ޤަބޫލުކުރައްވައެވެ. އެއީ އޭނާއަށް އެފެންނަ ތަކެއްޗަކީ ކެތްނުކުރެވޭފަދަ ތަކެތި ކަމުގައިވާތީއެވެ. ދެން ކުރީގެ ގަހަށްވުރެ ރީތިގަހެއް އޭނާއަށް ދައްކަވާނެއެވެ. އޭނާ ދަންނަވާނެއެވެ. "ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! މިއަޅާ އެގަހާ ކައިރިކޮށްދެއްވާނދޭވެ! އެއީ އެގަހުން ހިޔާލިބިގަތުމަށާއި އެގަހުން ފެން ބުއިމަށްޓަކަ އެވެ. ދެން މީގެފަހުން އެފަދަ ކަމަކަށް އެދިނުދަންނަވާނަމެވެ." މާތްﷲ އޭނާއަށް އަންގަވާނެތެވެ. "އޭ އާދަމުގެ ދަރިޔާއެވެ! ތިބާ ވަނީ މީގެކުރިންވެސް ތިޔަފަދަ އަހުދެއް ކޮށްފައެއް ނޫންހެއްޔެވެ؟ ތިބާ އެގަހާ ކައިރިކޮށްދެއްވައިފިނަމަ އަދިވެސް އިތުރަށް އެދޭނެއެވެ." ދެން އަނެއްކާވެސް އިތުރަށް އެދިނުދަންނަވާނެކަމަށް އަހުދުކުރުމުން އެގަހާ ކައިރިކުރެވޭނެ އެވެ.
އެ އަހުދުކުރިއިރުވެސް އެގޮތްމަތީގައި ނުހުރެވޭނެކަން މާތްﷲ ރަނގަޅަށް ދެނެވޮޑިގަންނަވަ އެވެ. ދެން އެއަށްފަހު ކުރީގެ ދެގަހަށްވުރެ މާރީތި ދެގަސް ސުވަރުގޭގެ ދޮރުމަތިން ފެންނަ ހުއްޓެވެ. އޭނާ ދަންނަވާނެތެވެ. "އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! މިއަޅާ އެގަހާ ކައިރިކޮށްދެއްވާނދޭވެ! އެއީ އެގަހުގެ ހިޔަލުން ހިޔާލިބިގަތުމަށާއި އެގަހުން ފެން ބުއިމަށްޓަކައެވެ. ދެން އިތުރު އެއްޗަކަށް އެދިނުދަންނަވާނަމެވެ." ދެން މާތްﷲ އަންގަވާނެއެވެ. "ތިބާ މީގެކުރިންވެސް ތިޔަފަދަ އަހްދެއް ނުކުރަމުހެއްޔެވެ؟" ދެން މާތްﷲ އޭނާ އެގަހާ ކައިރިކޮށް ދެއްވާނެއެވެ.
އެގަހާ ކައިރިވުމުން ސުވަރުގޭގެ އަހުލުވެރިންގެ އަޑުފަށްގަނޑު އޭނާއަށް އިވެން ފަށައިފާނެއެވެ. އެހިނދު އޭނާ ދަންނަވާނެތެވެ. "އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! މިއަޅާ ސުވަރުގެއަށް ވައްދަވާނދޭވެ!" ދެން މާތްﷲ އަންގަވާނެތެވެ. "އޭ އާދަމުގެ ދަރިޔާއެވެ! ތިބާގެ ކިބައިން ނުބައި ކަންތައްތައް ތިމަން ﷲ ފިޔަވައި ދުރުކޮށްދެއްވާނެ ދެވަނަ ފަރާތެއްވޭހެއްޔެވެ؟ ތިބާއަށް ދުނިޔެއާއި އެފަދަ އެހެން ދުނިޔެއެއް ދެއްވައިފިނަމަ ރުހޭނަން ހެއްޔެވެ؟" އޭނާ ދަންނަވާނެއެވެ. "އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! ހުރިހާ އާލަމްތައް ހެއްދެވިރަސްކަލާނގެކަމުގައި ވޮޑިގެންވާ ހާލު އިބަރަސްކަލާނގެ ސަމާސާ ކުރައްވަނީތޯއެވެ؟" އެހިނދު މާތްﷲ އަންގަވާނެތެވެ. "މިއީ ސަމާސާއެއް ނޫނެވެ. ތިމަންރަސްކަލާނގެ އެދިވޮޑިގަންނަވާ ގޮތަށް ކަންތައް ކުރެއްވުމުގެ ކުޅަދުންވަންތަކަން ލިބިވޮޑިގަންނަވަމެވެ."
މި ޙަދީޘުން ދޭހަވަނީ މާތް ﷲގެ ރަހްމަތްފުޅުގެ އިންތިހާއެވެ. އެކަލާނގެ އެންމެހާ އަޅުތަކުންނަށްޓަކައި ލައްވާފައިވާ އޯގާވަންތަކަމާއި ދީލަތިކަމެވެ. އެންމެ ފަހުން ނަރަކައިން ނުކުމެ ސުވަރުގެއަށް ވަންނަ މި މީހާއަށްވެސް އެކަލާނގެ ދެއްވާ ހެޔޮކަން ކިޔައި ނިމުމެއް ނުވާނެއެވެ. ދުނިޔެއާއި އެފަދަ އެހެން ދުނިޔެއެއްގެ މިންވަރުގެ ނިއުމަތް ދެއްވުމަކީ، އަޅުތަކުންގެ ހިޔާލަށްވެސް ނުފޮނުވޭނެފަދަ ބޮޑު ކަމެކެވެ. މިއީ މުސްލިމުންނަށް އުންމީދު ގެނެސްދޭނެ އަދި މާތް ﷲގެ ރަހްމަތްފުޅާމެދު އަބަދުވެސް އުންމީދު ކުރަން ހިތްވަރުދޭ ވާހަކައެކެވެ. މާތް ﷲ އަޅުގަނޑުމެން އެންމެންނަށް ސުވަރުގެ ނަޞީބު ކުރައްވާށި! އާމީން!