ރާއްޖޭގެ ޝަރުއީ ދާއިރާގެ ފުރިހަމަ މާލީ މިނިވަންކަން ކަށަވަރު ކުރުމަށްޓަކައި، ބްލޮކް ގްރާންޓެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
މިކަމާ ގުޅިގެން ރައީސް ޑރ. މުއިއްޒު އެކްސްގައި މިއަދު ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ޝަރުއީ ދާއިރާ މިނިވަންކަމާއެކު ކުރިއަށްގެންދިއުމަށް އެންމެ މުހިންމު ކަމަކީ އެ ދާއިރާއަށް މާލީ މިނިވަންކަން ލިބިގެންދިއުން ކަމަށެވެ. އަދި އެކަމަށް މަގުފަހިކުރުމަށްޓަކައި، އަންނަ 2026 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުން ފެށިގެން ޖުޑީޝަރީއަށް މާލީ އަދި އިދާރީ މިނިވަންކަން ލިބިގެންދާނެ ބޮޑު ބަދަލެއް ގެނައުމަށް ނިންމަވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ދައުލަތުގެ އާމްދަނީން ވަކި އިންސައްތައެއް ކަނޑައަޅައި، އެ ފައިސާ ކަނޑައެޅޭ ވަކި އުސޫލެއްގެ ދަށުން ބްލޮކް ގްރާންޓުގެ ގޮތުގައި ދޫކޮށް، ޖުޑިޝަރީގެ ފުރިހަމަ މާލީ ބާރު ހިނގާނެ ނިޒާމެއްގެ ތެރެއިން ހަރަދު ކުރުމުގެ ފުރިހަމަ މިނިވަންކަން ދިނުމަށް ނިންމަވާފައިވާ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.
ޝަރުއީ ދާއިރާއަށް ކަނޑައަޅުއްވާ އިންސައްތައަކީ މިހާތަނަށް އެ ދާއިރާއަށް ކަނޑައެޅިފައިވާ ބަޖެޓު ސީލިންތަކަށްވުރެ ބޮޑު އަދަދެއް ކަމުގައި ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވެފައިވަނީ، މި ނިޒާމު ތަންފީޒުކުރުމަށްޓަކައި ގާނޫނީގޮތުންނާއި، ފަންނީ ގޮތުންނާއި، ނިޒާމީ ގޮތުން ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރު ފައްޓަވާފައިވާ ކަމަށެވެ.
ރައީސްގެ މި ނިންމެވުމަކީ، އިއްޔެ ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މަޝްވަރާކުރެއްވުމަށްފަހު ނިންމެވި ނިންމެވުމެކެވެ.
ޝަރުއީ ދާއިރާގެ ހިންގުން މިހާރަށް ވުރެ އިތުރަށް ހަރުދަނާކުރުމަށްޓަކައި ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން އަންނަނީ މުހިއްމު ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.









