ބިދޭސީ މަސައްކަތްތެރިންނާމެދު އިހުމާލުވާ ފަރާތްތަކުގެ މައުލޫމާތު އާންމުކޮށް، ބޮޑު ޖޫރިމަނާއެއް ކުރުމަށް ނިންމާފައިވާކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން މިއަދު ހާމަކޮށްފި އެވެ. މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން މި ފިޔަވަޅުތައް ތަންފީޒުކުރަން ފަށާނެ ކަމަށް ވެސް އެ ވުޒާރާއިން ފާހަގަކުރި އެވެ.
ދާހިލީ ވުޒާރާއިން ބުނީ، ވަޒީފާއާބެހޭ ގާނޫނަށް ގެނެވުނު އަށްވަނަ އިސްލާހުގައިވާ ގޮތުގެމަތިން، ބިދޭސީ މަސައްކަތްތެރިން ރާއްޖެ ގެނައުމަށްފަހު ވަޒީފާ ދިން ފަރާތުން އިހުމާލުވެއްޖެނަމަ، އެ ފަރާތެއްގެ މައުލޫމާތު އާންމުކުރެވި، -/50,000 ރުފިޔާއިން ޖޫރިމަނާކުރެވޭނެ ކަމަށެވެ.
މީގެއިތުރުން، އެއްފަހަރަށްވުރެ ގިނައިން ބިދޭސީ މަސައްކަތްތެރިންނާ މެދު އިހުމާލުވާ ފަރާތްތަކަށް ޖޫރިމަނާ ކުރުމުގެ އިތުރުން، އެ ފަރާތްތަކުން މަސައްކަތްތެރިންނާ ގުޅޭގޮތުން ދޭ ހިދުމަތްތައް ވަކި މުއްދަތަކަށް ނުދެވޭގޮތަށް އެ ގާނޫނުގެ ދަށުން ހުއްޓާލެވޭނެ ކަމަށް ވެސް ވުޒާރާއިން ބުންޏެވެ. ހަމައެއާއެކު، ވަޒީފާއާބެހޭ ގާނޫނުގެ 7-65 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި ނުހިމެނޭ ކަންކަމުގައި، އެ ޤާނޫނުގެ 8-65 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތުގެމަތިން -/100,000 ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.
ވުޒާރާއިން އިތުރަށް ބުނީ ވަޒީފާއާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ މި ފިޔަވަޅުތައް ތަންފީޒުކުރަމުންދާނީ އެކްސްޕެޓް ޕޯޓަލް މެދުވެރިކޮށްކަމަށާއި ވަޒީފާދޭ ފަރާތުން ޖޫރިމަނާގެ ފައިސާ ދައްކާ ހަލާސްކުރުމުން މެނުވީ، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އިތުރު އެއްވެސް ހިދުމަތެއް ފޯރުކޮށް ނުދެވޭނެކަމަށެވެ.
ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީ މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކޮށް، ގާނޫނާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް މި ފިޔަވަޅުތަކަކީ ވަރަށް މުހިންމު މަސައްކަތަކަށް ވެގެންދާނެ އެވެ. ބިދޭސީންނަށް އިންސާފުވެރިކޮށް މުއާމަލާތްކޮށް، އެފަރާތްތަކަށް ލިބިދޭންޖެހޭ ހައްގުތައް ފުރިހަމައަށް ފޯރުކޮށްދިނުމަށް ވަޒީފާދޭ ފަރާތްތަކަށް ވުޒާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.