މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު ދިރާސާކުރާ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުން މިއަދުވެސް ސިއްރުކޮށްފި އެވެ.
މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މިއަދުގެ ބައްދަލުވުން ސިއްރު ކުރަން ހުށަހެޅުއްވީ ކެލާ ދާއިރާގެ މެންބަރު އަބްދުالله ޝަރީފެވެ. އޭނާގެ މި ހުށަހެޅުއްވުމަށް ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސައިން ވަނީ ތާއީދުކުރައްވައިފަ އެވެ.
މިއަދުގެ ކޮމިޓީ ބައްދަލުވުން ސިއްރުކުރަން މިއަދުވެސް ނިންމީ އާންމުންގެ ތެރެއިން އެ ބިލަށް ހިޔާލު ހުށަހެޅި ފަރާތްތަކުގެ ޒާތީ މައުލޫމާތު ހިމެނޭކަމަށް ބުނެ އެވެ. އިއްޔެ ބޭއްވި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުން ވެސް ސިއްރުކުރީ މި ސަބަބުތަކަށްޓަކަ އެވެ.
މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ އިއްޔެގެ ބައްދަލުވުން ސިއްރުކުރުމާއި ގުޅިގެން މަޖިލިސް ކުރިމަތީ ނޫސްވެރިން ވަނީ އިހުތިޖާޖުކޮށްފަ އެވެ. ކޮމިޓީގެ މިއަދު ބައްދަލުވުމުން ނޫސްވެރިން ނުނުކުތުމުން ނޫސްވެރިން ވަނީ ކޮމިޓީ ރޫމުން ގަދަކަމުން ބޭރުކޮށްފަ އެވެ.
ރައްޔިތުންގެ މަޖިލީހަށް ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާން އަބޫބަކުރު ހުށަހެޅުއްވި މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިން ރެގިއުލޭޝަން ބިލު މަޖިލީހުން ބޭރުކުރުމަށް ގިނަ އަދަދެއްގެ ނޫސްވެރިން އަންނަނީ އަޑު އުފުލަމުންނެވެ. މީގެ އިތުރުން 150 އަށް ވުރެ ގިނަ ނޫސްވެރިންގެ ސޮޔާއެކު، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވަނީ މަޖިލީހަށާއި ރައީސް އޮފީހަށް ޕެޓިޝަނެއް ވެސް ހުށަހަޅައިފަ އެވެ.









