ޙަމާސްގެ ވަފުދު ޝަހީދުވެއްޖެ! އެމެރިކާއިން ޤަޠަރަށް އަދިވެސް އޮޅުވާލަނީ؟

ޢަބްދުﷲ ޖުނައިދު | 21 ދުވަސް ކުރިން - 10 ސެޕްޓެންބަރު 2025 10:22
ޤަޠަރުގެ ބޮޑުވަޒީރު ޝެއިޚް މުޙައްމަދު ބިން ޢަބްދުއްރަޙްމާން އަލްޘާނީ / ފޮޓޯ: ރޮއިޓާސް
ޤަޠަރުގެ ބޮޑުވަޒީރު ޝެއިޚް މުޙައްމަދު ބިން ޢަބްދުއްރަޙްމާން އަލްޘާނީ / ފޮޓޯ: ރޮއިޓާސް
ޚުލާސާ

އެމެރިކާއިން ޤަޠަރުގެ ސެކިއުރިޓީ ބަލަހައްޓާއިރު އިޒުރޭލުގެ ޙަމަލާގެ މަޢުލޫމާތު އެމެރިކާއިން ޤަޠަރުގެ ސަރުކާރާއި ޙިއްސާކުރީ ޙަމަލާދިންތާ 10 މިނެޓް ފަހުން. އޭރު ޙަމާސްގެ ވަފުދު ޝަހީދުވެއްޖެ.

އެމެރިކާއިން ސެކިއުރިޓީ ބަލަހައްޓަމުންގެންދާ ޤަޠަރަށް އިއްޔެ އިސްރާއީލުން ދިން ވައިގެ ޙަމަލާގައި ޙަމާސްގެ ވަފްދުގެ 5 ބޭފުޅުން ޝަހީދުވެއްޖެއެވެ. ނަމަވެސް އިސް ލީޑަރުން ވަނީ ސަލާމަތް ވެފައި ކަމަށް ޙަމާސް އާއި ގުޅުން ހުރި ބައެއް މަސްދަރުތަކުން ބުނެއެވެ.

ޙަމަލާ އާއި ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ ޤަޠަރަށް ޙަމަލާ ދިނުމަކީ އޭނާގެ ނިންމުމެއް ނޫން ކަމަށާއި އެއީ ނަތަންޔާހޫގެ ނިންމުމެއް ކަމަށެވެ. ނަމަވެސް ދެނެއް ޤަޠަރުގެ ފަސްގަނޑަކަށް އެއްވެސް ބަޔަކަށް ޙަމަލާއެއް ނުދެވޭނެ ކަމުގެ ޔަޤީންކަން ތިމަންނާ ދެއްވާ ކަމަށް ޓްރަމްޕް ވަނީ މިއަދު ޤަޠަރުގެ ސަރުކާރުގައި ވިދާޅުވެފައެވެ.

ޣައްޒާ ސުންނާފަތިކޮށްލުމުގެ ބައިވެރިން ކަމަށްވާ ނުބައި ނުލަފާ ބޮޑުވަޒީރު ނަތަންޔާހޫ އާއި ޓްރަމްޕް / ފޮޓޯ: ރޮއިޓާސް.

އިއްޔެގެ މި ޙަމަލާ އިސްރާއީލުން ދިނީ، ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމަށް އެމެރިކާގެ އެންމެ ފަހުގެ ހުށަހެޅުމާއި ބެހޭ ގޮތުން މަޝްވަރާ ކުރުމަށް އެ ބޭފުޅުން ދޯހާގައި ތިއްބަވަނިކޮށެވެ.

ޝަހީދުވި ބޭފުޅުން:

1- ޝަހީދު ޖިހާދު ލަބާދު އަބޫ ބިލާލް / ޙަމާސް ލީޑަރު ޑރ.ޚަލީލް އަލްޙައްއްޔާގެ އޮފީހުގެ ޑިރެކްޓަރ.

2- ޝަހީދު ހައްމާމް އަލްޙައްޔާ އަބޫޙައްމާމް / ހަމާސް ލީޑަރު ޑރ.ޚަލީލް އަލްޙައްއްޔާގެ ދަރިކަލުން.

3- ޝަހީދު ޢަބްދުﷲ ޢަބްދުލް ވަޙީދު އަބޫ ޚަލީލް / ހަމާސްގެ އިސް ލީޑަރުންގެ އަރިހުގައި އުޅުއްވާ ބޭފުޅެއް.

4- ޝަހީދު މޫޢާމަން ޙަސޫނާ އަބޫ ޢުމަރު / ހަމާސްގެ އިސް ލީޑަރުންގެ އަރިހުގައި އުޅުއްވާ ބޭފުޅެއް.

5- ޝަހީދު އަޙްމަދު ޢަބްދުލްމަލިކު އަބޫ މާލިކު / ހަމާސްގެ އިސް ލީޑަރުންގެ އަރިހުގައި އުޅުއްވާ ބޭފުޅެއް.

މި ޙަމަލާ އަކީ ބައިނަލްއަޤްވާމީ ހުރިހާ އުޞޫލުތަކާއި ވެސް ޚިލާފަށް ދިން ޙަމަލާއެކެވެ.

ޙަމަލާ ކުށްވެރިކުރައްވައި ޤަޠަރުގެ ބޮޑުވަޒީރު ޝެއިޚް މުޙައްމަދު ބިން ޢަބްދުއްރަޙްމާން އަލްޘާނީ ވަނީ އިސްރާއީލުން ދޯހާއަށް ދިން ވައިގެ ޙަމަލާ އަކީ ޓެރަރިޒަމްގެ ޢަމަލެއް ކަމަށާއި ބަދަލު ހިފުމުގެ ޙައްޤު ޤަޠަރަށް ލިބިގެންވާ ކަމަށެވެ.

ޤަޠަރުގެ ސަލާމަތީ ކަންކަން ކަށަވަރު ކުރުމަށްޓަކައި އެމެރިކާގެ ބޭސްއެއް ޤަޠަރުގައި ހުންނައިރު ވެސް ޤަޠަރުން ބުނީ އިސްރާއީލުން ބޭނުންކޮށްފައިވާ ހަތިޔާރު ޤަޠަރުގެ ދިފާޢީ ނިޒާމުތަކަށް ނުވަތަ ރާޑަރުތަކަށް ވެސް އަރާފައި ނުވާ ކަމަށާއި، އެ ޙަމަލާގެ މަޢުލޫމާތު އެމެރިކާއިން ޤަޠަރަށް ދިނީ ވެސް ހާދިސާ ހިނގިތާ 10 މިނެޓް ފަހުން ކަމަށެވެ. ސުވާލަކީ މިއީ އެމެރިކާ އަށް އެނގިގެން ނުވަތަ އެމެރިކާ އާއި ނަތަންޔާހޫގެ ސަރުކާރުގެ ރޭވުމަކުން ކުރި ކަމެއްތޯއެވެ؟

ޤަޠަރުގެ ބޮޑުވަޒީރު ވިދާޅުވީ މެދުއިރުމައްޗާއި ޤަލްފުގެ ހުރިހާ ޤައުމެއް އިސްރާއީލާއި ދެކޮޅަށް ތެދުވާން ވެއްޖެ ކަމަށާއި އެންމެން އެކަތިގަނޑަކަށް ވާން ވެއްޖެ ކަމަށެވެ. އަދި ޤަލްފަކީ ވެސް ނަތަންޔާހޫގެ އަމާޒެއް ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

2 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%