ޕީޕަލްސް ނޭޝަނަލް ފްރަންޓްގެ އިސް ސަފުގައި ހަރަކާތްތެެރިވަމުން ގެންދާ އަހްމަދު މުހައްމަދު ވަހީދު (ވައްޑެ) ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ކިބައިން މާފަށް އެދެފި އެވެ.
ވައްޑެ ސޯޝަލް މީޑިއާގައި އާއްމުކުރި ޕޯސްޓެއްގައިވަނީ ތިމާއަށް ގޯހެއް ހެދިއްޖެކަން އިހްސާސް ކުރެވޭ ހާލަތުގައި އެފަދަ ގޯސްތައް ރަނގަޅު ކުރުމާއި، އެފަދަ ގޯހެއްގައި އެހެން މީހެއްގެ ހައްގަކަށް އުނިކަން ލިބިދާނެފަދަ އަމަލެއް ހިމެނޭނަމަ ވަގުތު ފާއިތު ނުވަނީސް އެފަދަ ފަރާތްތަކުގެ ކިބައިން މާފަށް އެދުމަކީ މީހާގެ ނިކަމެތިކަމެއް ނޫންކަމަށެވެ.
އަދި އެއީ ގައުމުގެ އިޖުތިމާއީ ފޭރާން ހިފެހެއްޓުމުގައި ފަރުދީގޮތުން އަދާ ކުރެވޭނެ އެންމެ ކުޑަ މިންވަރު ކަމަށާއި، ސިޔާސީ އެކި މަހައްލުތަކުގައި ރައީސުލްޖުމްހޫރިއްޔާ އަދި ފަސްޓްލޭޑީ ގުޅުވައި އޭނާއަށް ދެއްކިފައިހުރި ވާހަކަތަކާއިމެދު ހިތާމަކުރާހާލު، އެ ދެކަނބަލުންނާއި އާއިލާގެ ކިބައިން ދީލަތި މާފަށްއެދޭ ކަމަށްވެސް އެ ޕޯސްޓުގައިވެ އެވެ.
އަދި ސިޔާސީ ޖޯށު ހުންނަ މީހެއްގެ ހައިސިއްޔަތުން އެފަދަ ވާހަކަތަކެއް ދެއްކީ، އޭރު ލިބުނު މައުލޫމާތުތަކަށް ބިނާކޮށް ކަމުގައި ވީނަމަވެސް އެއީ ހަގީގަތާއި ހިލާފު ވާހަކަތަކެއްކަން މިހާރު ކަށަވަރު ކުރެވިއްޖެކަމަށް އެ ޕޯސްޓުގައި ފާހަގަކޮށްފައިވެ އެވެ.
އޭގެ އިތުރުން އެ ޕޯސްޓުގައި ވަނީ ސިޔާސީ ދާއިރާއަށް ކިތައްމެ ޝައުގެއް ހުއްޓަސް، އަނެކާގެ އަބުރު ގަސްތުގައި ނަގާލުމާއި ފިތުނަ ފަސާދަ އުފެއްދުމަކީ އޭނާ ނަފްރަތުކުރާ ކަމެއް ކަމެށެވެ.
އަދި އެނާ ހިމެނޭހެން އޭނާގެ އިލްތިމާސަކީ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކުންވެސް މި ގައުމުގެ މައްސަލަތަަކަށް ފޯކަސް ކުރައްވައި، ހަސަދަވެރިކަމުގައި މީހުންނަށް ޓާގެޓުކުރުން ހުއްޓާލުންކަމަށާއި، ކުރިއެރުން އޮތީ އޭރުންކަމަށް ވައްޑެ ބުންޏެވެ.