ރާއްޖެއަށް ބޭސް އެތެރެކުރުމާއި، ބޭހުގެ ވިޔަފާރި ކުރުމަށް ސަރުކާރުގެ ހާއްސަ ކުންފުންޏެއް އުފައްދައިފި އެވެ.
އެ ކުންފުނި އުފެއްދީ މިއަދު ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ. ރައީސް އޮފީހުން ބުނީ ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް ގެ ނަމުގައި ރައީސް އެ ކުންފުނި އުފެއްދެވީ ކުންފުންޏާބެހޭ ގާނޫނުގެ 15 ވަނަ މާއްދާއިން ރައީސަށް ލިބިވަޑައިގަންނަވާ މާއްދާގެ ދަށުންނެވެ.
އެ ކުންފުންޏަޔަކީ ސަރުކާރުގެ 100 ޕަސެންޓު ހިއްސާ އޮންނަ ގޮތަށް އުފެއްދެވި، ބޭހާއި މެޑިކަލް ކޮންސިއުމަބަލްސް އާއި މެޑިކަލް އިކުއިޕްމަންޓު ގަނޑުކޮށް ގަނެ ރާއްޖެއަށް އެތެރެ ކުރުމާއި އެތަކެތި ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރިކޮށްދިނުމުގެ މަސައްކަތް ކުރުމުގެ މަގްސަދުގައި އުފައްދާފައިވާ ކުންފުންޏެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ސަރުކާރުގެ ފަރާތުން އެ ކުންފުނީގެ މަސައްކަތްތައް މިހާތަނަށް ކުރަމުން އައީ އެސްޓީއޯ މެދުވެރިކޮށެވެ. ރާއްޖެއަށް ޔޫރަޕް ކޮލެޓީގެ ރަނގަޅު ފެންވަރުގެ ބޭސް އެތެރެކުރާނެކަން ރައީސް ކުރިން އޮތީ އިއުލާން ކުރައްވައިފަ އެވެ.