މީޑިއާ ބިލު ދިރާސާކުރާ ކޮމިޓީ ސިއްރުކުރީ ޒާތީ މައުލޫމާތު ހުރުމުން

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 8 ގަޑިއިރު ކުރިން - 9 ސެޕްޓެންބަރު 2025 17:36
މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ: ފޮޓޯ/ މަޖިލިސް
މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ: ފޮޓޯ/ މަޖިލިސް
ޚުލާސާ

ކޮމިޓީ ބައްދަލުވުން ސިއްރުކޮށްފައިވަނީ މި ބިލަށް ލިބިފައިވާ ކޮމެންޓުތަކުގެ ތެރޭގައި ޒާތީ މައުލޫމާތު ހިމެނޭކަމަށް ބުނެ.

ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިން ރެގިއުލޭޝަން ބިލު ދިރާސާކުރާ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުން ސިއްރުކޮށްފި އެވެ.

ކޮމިޓީ ބައްދަލުވުން ސިއްރުކޮށްފައިވަނީ މި ބިލަށް ލިބިފައިވާ ހިޔާލުތަކުގެ ތެރޭގައި ހިޔާލު ފޮނުވި މީހުންގެ ޒާތީ މައުލޫމާތު ހިމެނޭކަމަށް ބުނެ އެވެ. ކޮމިޓީގެ ބައްދަލުވުން ސިއްރުކުރުމަށް ހުށަހެޅުއްވީ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމެވެ. މި ބިލަށް ވަރަށް ގިނަ ކޮމެންޓުތައް ލިބިފައިވާތީ، މިއަދު އެ ބިލުގެ މަސައްކަތް ނުނިންމޭނެ ކަމަށް މެންބަރު އިބްރާހިމް ނަސީމް ވަނީ ފާހަގަކުރައްވައިފަ އެވެ.

މެންބަރު ނަސީމުގެ އެ ހުށަހެޅުމަށް ކެލާ ދައިރާގެ މެންބަރު އަބްދުﷲ ޝަރީފު ވެސް ވަނީ ތާއީދުކުރައްވައިފަ އެވެ. އެއާއެކު ކޮމިޓީގެ މުގައްރިރު އަދި މާފުށީ ދާއިރާގެ މެންބަރު ހުސައިން ރިޒާ ވަނީ ކޮމެޓީ ބައްދަލުވުން ސިއްރުކުރަން ވޯޓަށް އަހައިފަ އެވެ. މި ނިންމުމަށް ކޮމިޓީގެ ގިނަ މެންބަރުން ވަނީ ތާއީދު ކުރައްވައިފަ އެވެ.

ރައްޔިތުންގެ މަޖިލީހަށް ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާން އަބޫބަކުރު ހުށަހެޅުއްވި މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިން ރެގިއުލޭޝަން ބިލު މަޖިލީހުން ބޭރުކުރުމަށް ގިނަ އަދަދެއްގެ ނޫސްވެރިން އަންނަނީ އަޑު އުފުލަމުންނެވެ. މީގެ އިތުރުން 150 އަށް ވުރެ ގިނަ ނޫސްވެރިންގެ ސޮޔާއެކު، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވަނީ މަޖިލީހަށާއި ރައީސް އޮފީހަށް ޕެޓިޝަނެއް ވެސް ހުށަހަޅައިފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%