ބ. ދޮންފަނު ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ނުގެންދަން ނިންމަވައި އެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާނު ކުރައްވައިފި އެވެ.
މި ކަމާ ގުޅިގެން ރައީސް އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އެމަނިކުފާނު ރަށްރަށުގައި ކުރިއަށްގެންދާ މަޝްރޫއުތަކާ ބެހޭ ވައުދު ވެވަޑައިގަންނަވަނީ އެ ރަށެއްގެ ރައްޔިތުންގެ ފަރާތުން އެކަމަކަށް އެދިގެން ކަމަށާއި ރައްޔިތުން ބޭނުންނުވާ ކަމެއް އެ ރަށެއްގައި އަދުގެ ސަރުކާރުން ނުކުރާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.
"މީ ރައްޔިތުންނާ ގާތުން މަސައްކަތްކުރާ، ރައްޔިތުން އެދޭ އަމާޒަށް މަސައްކަތް ކުރާ ސަރުކާރެއް."--- ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
އެގޮތުން ބ. ދޮންފަނުގެ ރައްޔިތުންގެ އެދުމުގެ މަތިން އެ ރަށުގައި ބިން ހިއްކުމުގެ މަޝްރޫއެއް ކުރިއަށް ގެންދަން ވައުދުވެ ވަޑައިގެންނެވި ކަމަށާއި އަދި އެ ވައުދުފުއްދެވުމަށް އެއްބަސްވުމުގައި ސޮއިކުރެއްވި ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ. އެހެންނަމަވެސް، އެ ރަށުގެ ރައްޔިތުން އެގޮތް ބޭނުންނުވާ ކަމަށް ބުނެފައިވާތީ، އެރަށުގެ ބިން ހިއްކުމުގެ މަޝްރޫއު ސަރުކާރުން އިތުރަށް ކުރިޔަށް ނުގެންދާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.
މިކަން ރަސްމީކޮށް އެރަށު ކައުންސިލަށް މިއަދު ސިޓީއަކުން ކަމާބެހޭ ވުޒާރާއިން އަންގާނެ ކަމަށް އެމަނިކުފާނު ވަނީ އިތުރަށް ވިދާޅުވެފަ އެވެ.
ދޮންފަނުގެ ބިން ހިއްކުމަށް ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުއިއްޒު އިއުލާނު ކުރެއްވީ، ބ. އަތޮޅަށް އެމަނިކުފާނު މިދިޔަ މަހު ކުރެއްވި ދަތުރުފުޅުގައި އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. މި މަޝްރޫއުގެ ސަބަބުން ބަޔޮސްފިއާ ރިޒާވްގެ ދިރުންތަކަށް ގެއްލުން ލިބުމުގެ އިތުރުން، ރާއްޖޭގެ ޓޫރިޒަމަށް އެކަމުގެ ނޭދެވޭ އަސަރު ކުރާނެ ކަމަށް ބުނެ ތިމާވެއްޓާ ގުޅުން ހުރި މަސައްކަތްކުރާ ޖަމިއްޔާތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.









