ނޭޕަލް ސަރުކާރުން ފޭސްބުކާއި އިންސްޓަގްރާމާއި އެކްސް އަދި ޔޫޓިއުބް ހިމެނޭހެން ސޯޝަލް މީޑިއާގެ 26 ޕްލެޓްފޯމެއް މަނާކުރުމާއި ގުޅިގެން އެޤައުމުގެ ޒުވާނުން އިސްކޮށް ތިބެ ހިންގަމުންދާ މުޒާހަރާ ތަކާއި ގުޅިގެން 19 މީހުން މަރުވެ 300 އަށް ވުރެ ގިނަ މީހުން ޒަހަމްވެއްޖެ ކަމަށް އެ ޤައުމުގެ ފުލުހުން ބުނެފިއެވެ.
މި މުޒާހަރާތައް ފެށުނީ ކަތަމަންޑޫއިން ކަމުގައި ވިޔަސް މިހާރު އެ މުޒާހަރާތައް ޕޮޚާރާ އާއި ބިރަތުނަގަރު ފަދަ ސިޓީތަކަށް ވެސް ވަނީ ފެތުރިފައި ކަމަށް އެ ޤައުމުގެ ޚަބަރުތައް ބުނެއެވެ.
ނޭޕާލް ސަރުކާރުން ސޯޝަލް މީޑިއާ މަނާކުރީ ރަޖިސްޓްރީ ނުކޮށް ހިންގާތީއެވެ. އަދި ރަޖިސްޓްރީ ކުރުމަށް މުހުލަތު ވެސް ދިނުމަށްފަހުގައެވެ. ސަބަބަކީ ފޭކު އައިޑީތަކުގައި ސާބިތު ނުހިފޭ ވާހަކަތައް ދައްކާތީވެ، މުޖުތަމަޢުގެ އަޚްލާޤް ހިފެހެއްޓުމަށާއި ފިތުނަތަކުން ސަލާމަތްކުރުމުގެ މަޤްޞަދުގައެވެ.
ނޭޕާލް ފުލުހުން ބުނާ ގޮތުގައި މުޒާހަރާގެ ބައިވެރިން ވަނީ އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލިސްތެރެއަށް ވަދެ އެތަން ޙިޞާރުކުރުމަށް މަސައްކަތް ކޮށްފައެވެ. އަދި އެކަން ހުއްޓުވުމަށް މަސައްކަތްކުރި ފުލުހުންނާއި ކުރިމަތިލައި ފުލުހުންނަށް އަނިޔާކޮށްފައެވެ. އެއާއި އެކު ފުލުހުން ވަނީ އުންޑައާއި ކަރުނަ ގޭސް ބޭނުން ކޮށްފައެވެ.
މި ހަމަނުޖެހުންތަކުގައި 19 މީހުން މަރުވެ އެތައް ބަޔަކު ޒަޚަމް ވުމާއި ގުޅިގެން ހޯމް މިނިސްޓަރު ރަމޭޝް ލެޚާކް މިހާރު ވަނީ އިސްތިއުފާ ދެއްވާފައެވެ. އަދި މުޒާހަރާތަކަށް ރައްދު ދިނުމުގެ ގޮތުން ނޭޕާލް ސަރުކާރުން މިހާރު ވަނީ ސޯޝަލް މީޑިއާ މަނާކުރިކުރުން ވެސް އުވާލާފައެވެ.