ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިއްޔެ ވަކިކުރެއްވި ހުސައިން ފަހުމީ, ރައީސް އޮފީހުގެ މިނިސްޓަރު ފެންވަރުގެ މަގާމަކަށް މިއަދު ހަމަޖައްސައިފި އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ފަހުމީ ހަމަޖެއްސީ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ފަހުމީ އައްޔަންކުރީ 2023، ނޮވެމްބަރު 28 ގަ އެވެ. އެމަގާމަށް އައްޔަންކުރުމުގެ ކުރިންވެސް ފަހުމީ ވަޒީފާ އަދާކުރަމުންދިޔައީ ސްޓެލްކޯގަ އެވެ. އެކުންފުނީގައި އޭނާ 27 އަހަރު މަސައްކަތް ކުރެއްވި އެވެ.
ސްޓެލްކޯއިން ފަހުމީ ވަކިކޮށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރީ މިފްކޯގެ ކުރީގެ އެމްޑީ އަހުމަދު ޝަމާހު ރަޝީދު އެވެ.









