ޤުދުސްގެ އުތުރުން އޮންނަ ރަމޮޓް ޖަންކްޝަންގައި ބަޑި ޖަހައި ޔަހޫދީންތަކެއް މަރާލައި އެތައް ބަޔަކު ޒަޚަމް ކޮށްލައިފިއެވެ.
އިސްރާއީލުން ޣައްޒާ އެކީއެކަށް ސުންނާފަތިކޮށް އެ ބިމަށް ވެރިވަމުންދާއިރު ފަލަސްޠީނުގެ މުޖާހިދުން ވެސް ދަނީ ޔަހޫދީންނަށް ޙަމަލާ ދެމުންނެވެ.
ޚަބަރުތައް ބުނާ ގޮތުގައި އިސްރާއީލުގެ ރައްޔިތުން ދަތުރުކުރަމުން ދިޔަ ބަހަކަށް އަމާޒުކޮށް ބަޑިޖަހައި ފަސްޔަހޫދީން މަރާލާފައިވާއިރު މި ޙަމަލާގައި ޒަޚަމްވީ މީހުންގެ ޢަދަދު 11 އަށް އަރައެވެ. މަރުވެފައިވަނީ އުމުރުން 50 އަހަރުގެ ފިރިހެނަކާއި، 50 އަހަރުގެ އަންހެނަކާއި، 30 އަހަރުގެ ތިން ފިރިހެނުންނެވެ. ޒަޚަމްވި 11 މީހުންގެ ތެރެއިން ހަ މީހުންގެ ޙާލު ސީރިއަސްއެވެ.
ޒައެނިސްޓު ސިފައިން ވަނީ ކާރުގައި އައިސް ބަހަށް އަމާޒުކޮށް ޙަމަލާދިން ދެ މުޖާހިދުން ޝަހީދުކޮށްލާފައެވެ.
ފަލަސްޠީނުގެ އެއްވެސް ހިސާބެއްގައި ޔަހޫދީންނަކަށް މިހާރު ރައްކާތެރިކަމެއް ނެތެވެ. މިއަދުގެ ޙަމަލާއަކީ ގާތްގަނޑަކަށް އަހަރެއްހާ ދުވަހުގެ ތެރޭގައި އިސްރާއީލުގެ އެތެރޭގައި ހިނގި މިފަދަ އެންމެ ނުރައްކާތެރި ހާދިސާ ކަމަށް ވާއިރު ނަތަންޔާހޫ މިވަގުތު ގެންދަވަނީ އިސްރާއީލުގެ ސެކިއުރިޓީއާއި ގުޅޭ ކުއްލި ބައްދަލުވުންތަކެއް ބާއްވަމުން ކަމަށް ވެސް ޚަބަރު ލިބެއެވެ.









