ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް “ގްލޯބަލް ޞުމޫދް ފްލޮޓިއްލާ” ޙަރަކާތާއި ގުޅެން މަސައްކަތްކުރާ ފަރާތްތަކަށް އިސްރާއީލުން ނުސީދާ އިންޒާރެއް ދީފިއެވެ،
އިޒުރޭލު މީޑިއާ ތަކުން ބުނާ ގޮތުގައި އެ މީހުންގެ “ބްލޮކޭޑް” މުގުރާލަން މަސައްކަތް ކުރާ ކޮންމެ މީހަކީ ޖަލަށް ލެވޭނެ މީހެއް ކަމަށް އިސްރާއީލުގެ އޮފިޝަލުން ވަނީ ބުނެފައެވެ. އެހެންވެއްޖެ ކަމުގައި ވަނީނަމަ އެ ޙަރަކާތުގައި ދިވެއްސަކު ބައިވެރިވެ އެއިން ބޯޓަކަށް އަރައިގެން ގޮސްފި ކަމުގައި ވާނަމަ އެ މީހަކު އިސްރާއީލުގެ ޖަލުގައި ބަންދުކޮށްލުމުގެ ފުރުޞަތު އެބައޮތެވެ.
ޚުލާޞާ އަށް އެނގިފައިވާ ގޮތުގައި ފްލޮޓިއްލާގެ ޙަރަކާތުގައި ރާއްޖޭގެ ހިލޭ ސާބަހަށް މަސައްކަތްކުރާ އިންޓަރނޭޝަނަލް އެއިޑުން ޙަރަކާތްތެރިވެއެވެ. އެހެންނަމަވެސް އެ ފަރާތުގެ އެހީއާއި އެކު މިހާތަނަށް އެއްވެސް ދިވެއްސަކު އެއްވެސް ބޯޓަކަށް އަރާފައެއް ނުވެއެވެ.
މިހާރު “ހަތަރުވަނަ މިޝަން” ގައި ކުރިއަށްދާ މި ފްލޮޓިއްލާގެ އަމާޒަކީ އިސްރާއީލަށް ޕްރެޝަރު ކުރުމެވެ. މި މަހުގެ 10 ވަނަ ދުވަހުގެ ފަހުން ފުރަން ހަމަޖެހިފައިވާ ހަތަރުވަނަ މިޝަންގައި ދިވެހީން ވެސް ބައިވެރިވުމަށް ބޭރުގެ ޤައުމުތަކުން ދަނީ އެދެމުން ކަމަށް މަޢުލޫމާތު ލިބެއެވެ. މި ދަތުރުގައި އިންސާނީ ޙައްޤުތަކާއި ބެހޭ އެކްޓިވިސްޓުންނާއި ބައިނަލްއަޤްވާމީ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނާއި އެ ނޫންވެސް މަޝްހޫރު ފަރާތްތައް ތައްޔާރުވަމުންދާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މި އުޅަނދުތައް ބަރާބަރަށް މޮނިޓަރ ކުރާނެކަން އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން ކަށަވަރުކޮށްދީފައިވާއިރު، އެ ބޯޓުތައް ހިފަހައްޓައި އޭގައިތިބި މީހުން ހައި ސެކިއުރިޓީ ޖަލުތަކަށް ގެންދާނެ ކަމަށް އިސްރާއީލުގެ މީޑިއާތައް ބުނެއެވެ.
ދިވެހިރާއްޖެއަކީ އިސްރާއީލުން ހިންގާ ޤަތުލުޢާންމާއި އަބަދުވެސް އެންމެ ދެކޮޅު އެއް ޤައުމެވެ. ނަމަވެސް މިފަދަ އިވެންޓެއްގައި ބައިވެރިވެ އިސްރާއީލުގެ ހުރަސްތައް ނައްތައިލުމަށް ކަނޑު އުޅަނދުފަހަރަށް އަރައިގެން ދިވެހިން ދިޔުމުން އިސްރާއީލުގެ ޖަލެއްގައި ބަންދުވެއްޖެނަމަ އެއީ ޤައުމަށް އަންނާނެ ޕްރެޝަރެއް ކަމުގައި ގިނަ ބަޔަކު ދެކެއެވެ.









