ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ މެންބަރުކަމަށް ދެ ބޭފުޅަކު އައްޔަންކުރައްވައިފި އެވެ.
މިކަމަށްޓަކައި މިއަދު ހެނދުނު ރައީސް އޮފީހުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ. އެޗްއާރުސީއެމްގެ މެންބަރުކަމަށް އައްޔަންކުރައްވާފައިވާ ދެ ބޭފުޅުންނަކީ ކ. މާލެ، މ. ޕޮޕީ މުހައްމަދު ޝަފީގް މަހްމޫދު އަދި ސ. ހުޅުދޫ، ސީބްރީޒް އަހްމަދު މަގުސޫމް އެވެ.
އެޗްއާރުސީއެމްގެ މެންބަރުކަމަށް އައްޔަނުކުރެއްވުމުގެ ކުރިން، މި ދެ ބޭފުޅުންނަށް ކޮމިޝަނުގެ މެންބަރުކަމުގެ ހުވައިލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޒު މުހައްމަދު ސަލީމް އެވެ. މި ރަސްމިއްޔާތުގައި ރައީސް ޑރ. މުއިއްޒު ވަނީ ހިއުމަން ރައިޓްސް ކޮމިޝަނަށް އަލަށް އައްޔަންކުރެއްވި ދެ ބޭފުޅުންނަށް، އެ މަގާމަށް އައްޔަނުކުރެއްވި ކަމުގެ ލިޔުން ހަވާލުކޮށްދެއްވައިފަ އެވެ.
އެޗްއާރުސީއެމްގެ މެންބަރުން އައްޔަނުކުރަނީ ފަސް އަހަރު ދުވަހުގެ މުއްދަތަކަށެވެ.
އެޗްއާރްސީއެމްގައި މިހާރު ތިއްބަވަނީ ތިން ބޭފުޅެކެވެ. އެ ބޭފުޅުންނަކީ، އެ ކޮމިޝަންގެ ރައީސް މަރިޔަމް މުނާ، މެންބަރު ސަމާއު އަހްމަދު ނަޖީބް އަދި މެންބަރު އިސްމާއިލް ހަބީބް އަބްދުއްރަހްމާން އެވެ.






