
ޔަހޫދީ ޒައެނިސްޓުން ޣައްޒާގެ މުޝްތާހާ ޓަވަރު ގޮއްވާލަނީ / ފޮޓޯ: އަލްޖަޒީރާ
އިސްރާއީލުން ޣައްޒާ ސިޓީގެ އިތުރު ޓަވަރަކަށް ބޮން އަޅައި ސުންނާފަތި ކޮށްލައިފިއެވެ. އެއާއެކު ޣައްޒާގެ ބޮޑެތި ސަރަޙައްދުތައް ހިފުމަށް ޔަހޫދީ އިސްރާއީލުން މަސައްކަތް ފެށި ފަހުން ސުންނާފަތި ކޮށްލި ޓަވަރުތަކުގެ ޢަދަދު މަދުވެގެން 50 އަށް އިތުރުވެފައިވާ ކަމަށް ފަލަސްތީނުގެ ސިވިލް ޑިފެންސް އިން ބުނެ އެވެ.
މަސްދަރުތައް ބުނާ ގޮތުގައި އިއްޔެ އިސްރާއީލުގެ މަތިންދާބޯޓުތަކުން އަމާޒުކޮށްފައިވަނީ 24 އެޕާޓްމަންޓާއި ޑިޕާޓްމަންޓް ސްޓޯރާއި ކްލިނިކެއް އަދި ޖިމެއް ހިމެނޭ އިމާރާތެއް ކަމަށްވާ އަލްރުޔާ ޓަވަރަށެވެ.
އިސްރާއީލުގެ ޖަރީމާތައް ވަރުގަދަ ކޮށްފައިވާއިރު ފާއިތުވީ 24 ގަޑިއިރުތެރޭ 70 އެއްހައި މީހުން ޝަހީދުކޮށްލާފައި ވެއެވެ.
އަލް ރޫޔާ ގޮއްވައިލިއިރު މި ފަހުން އިސްރާއީލުން 15 ބުރީގެ އިތުރު ޓަވަރާއި 12 ބުރީގެ މުޝްތަހާ ޓަވަރު ވެސް ވަނީ ގޮއްވާލާފައެވެ.
ފަލަސްޠީނުގެ މަސްދަރުތަކުން ބުނާ ގޮތުގައި އިސްރާއީލުގެ ޖަރީމާތަކުގައި މިހާތަނަށް ފުނޑުފުނޑު ކޮށްލި ޓަވަރުތަކުގެ ތެރޭގައި 15 ބުރީގެ ދެޓަވަރާއި 14 ބުރީގެ ދެޓަވަރާއި 13 ބުރީގެ ދެޓަވަރާއި 12 ބުރީގެ ޓަވަރަކާއި 11 ބުރީގެ ޓަވަރެއްގެ އިތުރުން 7 ބުރީގެ ޓަވަރެއް ވެސް ހިމެނެއެވެ.
ޔަހޫދީން ހިންގަމުންދާ ނަސްލު ނައްތާލުމުގެ ޖަރީމާގައި މިހާތަނަށް 1 ލައްކަ އަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި ކަމަށް ޙަމާސް އިން ބުނެއެވެ.









