ގައުމީ ތަރައްގީގެ މާސްޓަ ޕްލޭން ޖެނުއަރީ މަހު ތައާރަފް ކުރަނީ

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 8 ގަޑިއިރު ކުރިން - 7 ސެޕްޓެންބަރު 2025 17:00
މާލެ މަގުމަތި: ފޮޓޯ/ އިންޓަނެޓް---
މާލެ މަގުމަތި: ފޮޓޯ/ އިންޓަނެޓް---
ޚުލާސާ

އުމީ ތަރައްގީގެ މާސްޓަ ޕްލޭނަކީ މުޅި ދިވެހިރާއްޖޭގެ ތަރައްގީއަށް އަމާޒުކޮށް، އެކި ދާއިރާތަކަށް އިސްކަން ދީގެން އެކުލަވާލާ މާސްޓަ ޕްލޭނެއް.

ދިވެހިރާއްޖޭގެ 20 އަހަރުގެ ގައުމީ ތަރައްގީގެ މާސްޓަ ޕްލޭން އަންނަ 2026 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ތައާރަފް ކުރާނެ ކަމަށް "ވިލުންތެރި ރާއްޖެ" ޓީމުން ބުނެފި އެވެ.

"ވިލުންތެރި ރާއްޖެ" ޓީމުން މި މޭރުމުން ބުނެފައިވަނީ މިއަދު ހެނދުނު އުމަރު ޒާހިރު އޮފީސް ބިލްޑިންގައި އެކަމަށްޓަކައި ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. ގައުމީ ތަރައްގީގެ މާސްޓަ ޕްލޭނަކީ މުޅި ދިވެހިރާއްޖޭގެ ތަރައްގީއަށް އަމާޒުކޮށް، އެކި ދާއިރާތަކަށް އިސްކަން ދީގެން އެކުލަވާލާ މާސްޓަ ޕްލޭނެކެވެ. މީގެ ތެރޭގައި، އުމްރާނީ، އިޖުތިމާއީ، އިގުތިސާދީ، ސިއްހީ، ތައުލީމީ އަދި ސިޔާސީ، ދާއިރާތައް ހިމެނެ އެވެ.

ގައުމީ ތަރައްގީގެ މާސްޓަ ޕްލޭނަށް އާންމު ރައްޔިތުންގެ ހިޔާލު ހޯދުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ކޮންސަލްޓެންސީ ފާމް، ނެކްސިއާ މޯލްޑިވްސްއަށެވެ. ނެކްސިއާ މޯލްޑިވްސް އިން މި މަސައްކަތްކުރުމަށް އިއްޔެ ވަނީ އަތޮޅުތެރެއަށް ދަތުރުކުރަން ފަށައިފަ އެވެ. "ވިލުންތެރި ރާއްޖެ" ޓީމުން ބުނެފައިވާ ގޮތުގައި، މި އަހަރު ނިމުމުގެ ކުރިން، ނެކްސިއާ މޯލްޑިވްސް އިން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކޮށް އާންމުންނާ ބައްދަލުކޮށް ހިޔާލު ހޯދާނެ އެވެ.

"ވިލުންތެރި ރާއްޖެ" ޓީމުން ހާމަކުރި ގޮތުގައި، އުމްރާނީ އަދި އިޖްތިމާއީ ގޮތުން ރާއްޖެއަށް ގެންނަން ބޭނުންވާ ތަރައްގީއާ ގުޅޭގޮތުން އާންމު ރައްޔިތުންގެ ހިޔާލު ހޯދުމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ނިމޭނެ އެވެ. މީގެ އިތުރުން ބައިނަލްއަގްވާމީ ތަޖުރިބާކާރުންގެ ޓީމެއް، މި މަސައްކަތްކުރުމަށް ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމަށް އެ ޓީމުން ވަނީ ފާހަގަކޮށްފަ އެވެ. 

ގައުމީ ތަރައްގީގެ މާސްޓަ ޕްލޭނަށް ހިޔާލު ހުށަހެޅުމަށް އެކި ބައްދަލުވުންތަކާއި އޮންލައިން ޕްލެޓްފޯމުތައް މެދުވެރިކޮށް ފުރުސަތު ހުޅުވާލެވޭނެ ކަމަށްވެސް "ވިލުންތެރި ރާއްޖެ" ޓީމުން ވަނީ ހާމަކޮށްފަ އެވެ. އަންނަ 2026 ވަނަ އަހަރުގެ ޖެނުއަރި މަހުގެ ތެރޭގައި މި ޕްލޭން ތައާރަފު ކުރެވޭނެ ކަމަށާއި، މި ޕްލޭން އެކުލަވާލުމުގެ މަރުހަލާތައް އެއްކޮށް ނިންމާލެވޭނީ އަންނަ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ކަމަށް އެ ޓީމުން ވަނީ ބުނެފަ އެވެ.

ދިވެހިރާއްޖޭގެ 20 އަހަރުގެ ގައުމީ ތަރައްގީގެ މާސްޓަ ޕްލޭން އެކުލަވާލުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%