ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި މި މަހުގެ އަށްވަނަ ދުވަހު އެކްސަސައިޒް ޕްެރޮގްރާމެއް ހިންގުމަށްޓަކައި އެއް ގަޑިއިރަށް ރަންވޭ ބަންދުކުރާނެކަމަށް އެމްއޭސީއެލްއިން ބުނެފި އެވެ.
އެމްއޭސީއެލްއިން ބުނީ މި އެކްސަސައިޒްގެ މަގުސަދަކީ އެއާޕޯޓްގެ ކުއްލި ހާލަތްތަކާ ކުރިމަތިލުމުގެ ގާބިލިއްޔަތުކަން ހުރި މިންވަރު ބެލުމާ، އެފަދަ ހާލަތެއް ދިމާވެއްޖެނަމަ އެހެން މުއައްސަސާތަކާއި ގުޅިގެން މިހާރު ލިޔެވިފައިވާ އެއާޕޯޓް އެމަޖެންސީގެ ދަށުން ކަނޑައެޅިފައިވާ ދައުރުތަކާ އެއްގޮތަށް އެ ފަރާތްތަކުންނަށް ހަރަކާތްތެރިވެވޭތޯ ބެލުން ކަމަށެވެ.
އިތުރަށް އެމްއޭސީއެލްއިން ބުނީ މި އެކްސަސައިޒްގައި 102 މީހުންނަށް އަނިޔާވެ، 185 މީހުންގެ އާއިލާއަށް އަސަރުކުރިކަމަށް ބަލައިގެން ޑްރިލް ސިމިއުލޭޓް ކުރާނެކަމަށެވެ،
އަދި އެ އެކްސަސައިޒުގައި އަލިފާނުގެ ތަމްރީނެއް ކުރިއަށް ގެންދާނެކަމަށް އެމްއޭސީއެލްއިން ބުންޏެވެ.
މި ހަރަކާތުގައި 32 މުއައްސަސާއަކުން އެއްބާރުލުން ދިނުމަށް ހަމަޖެހިފައިވެ އެވެ. އެގޮތުން ހުޅުމާލެ ހޮސްޕިޓަލް، ޓްރީޓޮޕް ހޮސްޕިޓަލް، އޭޑީކޭ ހޮސްޕިޓަލް އަދި އައިޖީއެމް ހޮސްޕިޓަލްގެ ހިދުމަތްތައް ހިމެނޭ އެވެ.