ހުޅުމާލޭގައި ހަދަމުންއަންނަ 4000 ފްލެޓުގެ ތެރެއިން ފްލެޓް ލިބޭ 2،955 ފަރާތަކާއެކު އެއްބަސްވުން ހަދާފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އިއްޔެ ހާމަކޮށްފި އެވެ.
އެފްޑީސީން ބުނީ މި ސްކީމްގެ ދަށުން މިހާތަނަށް ތާވަލު ކުރެވުނު އެއްބަސްވުންތަކުގެ އަދަދަކީ 3،070 ކަމަށެވެ. އަދި އޭގެ ތެރެއިން މިހާތަނަށް ސޮއި ކުރެވުނު އެއްބަސްވުންތަކުގެ އަދަދަކީ 2.955 ކަމަށްވެސް އެފްޑީސީން ބުނެފައިވެ އެވެ.
މި ފްލެޓުތަކުގެ މަސައްކަތް ފެށީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގަ އެވެ. ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ބެލުމުގެ ދަށުން ކުރިއަށްދާ އެ މަޝްރޫއުގެ ކޮންޓްރެކްޓަރުންނަކީ އިންޑިއާގެ ދެ ކުންފުނި ކަމަށްވާ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާއި ނެޝަނަލް ބިލްޑިންސް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެންބީސީސީ) އެވެ.
މި ފްލެޓް މަޝްރޫއުގައި ހިމެނޭ 32 ޓަވަރުގެ ތެރެއިން 16 ޓަވަރު އެންބީސީސީން ކުރާ އިރު، އަނެއް 16 ޓަވަރުގެ މަސައްކަތް ކުރަނީ ޖޭއެމްސީންނެވެ. ކޮންމެ ކުންފުންޏަކުން ވެސް ކުރިއަށް ގެންދަނީ 2،000 ފްލެޓުގެ މަސައްކަތެވެ. އެ ޓަވަރުތަކުގައި ހިމެނެނީ ތިން ކޮޓަރީގެ 2800 އެޕާޓްމެންޓާއި ދެ ކޮޓަރީގެ 1200 އެޕާޓްމެންޓެވެ. ދެ ކޮޓަރީގެ އެޕާޓްމަންޓްތަކަކީ 650 އަކަފޫޓްގެ ޔުނިޓްތަކެވެ. ތިން ކޮޓަރިއަކީ 900 އަކަފޫޓުގެ އެޕާޓްމަންޓްތަކެވެ.