މޯލްޑިވްސް ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)އަށް ޑޮލަރުގެ އާމްދަނީ ލިބޭނެ ވަސީލަތްތައް ހޯދުމަށްޓަކައި، ފަތުރުވެރިކަމުގެ ދާއިރާއާ ގުޅިގެން ހަރަކާތްތަކެއް ފަށާފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު ވިދާޅުވެއްޖެ އެވެ.
އެމްޑަބްލިޔުއެސްސީއަށް 30 އަހަރުވެގެން ދިޔައިރުވެސް، މިހާތަނަށް ޑޮލަރު ލިބޭނެ ވަސީލަތްތަކެއް ހަމަޖެހިފައިނެތުމަށް ދާއިމީ ހައްލެއް ހޯދުމަށް މި މަސައްކަތްތައް ފަށާފައިވަނީ، ދެމެހެއްޓެނިވި ގޮތެއްގައި ހިދުމަތްތައް ފޯރުކޮށްދިނުމަށާއި، ކުންފުންޏަށް ކުރިމަތިވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށްކަމަށް މަތީން ފާހަގަކުރެއްވި އެވެ.
ދައުލަތުގެ މީޑިއާ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މަތީން ވިދާޅުވީ، ކުންފުނީގެ މިހާރުގެ މެނޭޖްމަންޓް ބޯޑުގެ އެއް އަމާޒަކީ ޑޮލަރުން އާމްދަނީ ލިބޭނެ ވަސީލަތްތަކެއް ހަމަޖެއްސުން ކަމަށާއި، މި މަސައްކަތްތަކުގެ ނަތީޖާ ކުރިއަށް އޮތްތަނުގައި ފެނިގެންދާނެ ކަމަށެވެ. އަހަރަކު ގާތްގަނޑަކަށް 25 މިލިއަން ޑޮލަރު ރާއްޖެއިން ބޭރުން ތަކެތި ހޯދުމަށް އެމްޑަބްލިޔުއެސްސީއަށް ބޭނުންވާކަން މަތީން ފާހަގަކުރެއްވި އެވެ.
ޑޮލަރު ކަންތަކަށް ހައްލެއް ހޯދުމަށް ދެ ދާއިރާއަކުން މަސައްކަތް ކުރަމުންދާ ކަން މަތީން ފާހަގަކުރެއްވި އެވެ. ފުރަތަމަ ގޮތެއްގެ ގޮތުން ބަލަމުންދަނީ، އެމްޑަބްލިޔުއެސްސީގެ ކަސްޓަމަރުންގެ ތެރޭގައި ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތައް، މިސާލަކަށް ފަތުރުވެރިކަމުގެ މަރުކަޒުތަކާއި މާފުށި، މާލެ ފަދަ ތަންތަނުން ޑޮލަރުން ފައިސާ ދައްކަން އެއްބަސްވުމަކަށް އެޅިދާނެތޯއެވެ. "ކިތަންމެ ކުޑަ އެއްޗެއް ވިޔަސް، އަޅުގަނޑުމެންނަށް ވަރަށް ބޮޑު ލުޔަކަށް ވާނެ،" މަތީން ވިދާޅުވި އެވެ.
ދެވަނަ ކަމެއްގެ ގޮތުގައި، ފަތުރުވެރިކަމުގެ ދާއިރާ ތަރައްގީކުރުމަށް އުފައްދާފައިވާ މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އާ ގުޅިގެން މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ވާހަކަ މަތީން ފާހަގަކުރެއްވި އެވެ. މިހާރު ނާގޮށީގެ މަސައްކަތްވެސް ފެށިފައިވާ ކަމަށާއި، އެ މަސައްކަތުގެ ތެރެއިން އެމްޑަބްލިޔުއެސްސީއަށް އެކުގައި މަސައްކަތް ކުރެވިދާނެތޯ ދަނީ ބަލަމުން ކަމަށް މަތީން ވިދާޅުވި އެވެ.
މަތީން ވިދާޅުވި ގޮތުގައި، ރަށްރަށުގެ ފެނާއި ނަރުދަމާގެ ނިޒާމްތައް އެ ކުންފުނީގެ ޓީމްތަކުން ހިންގަމުންދާއިރު، ފަތުރުވެރިކަމުގެ ދާއިރާގައިވެސް އެކަން ނުކުރެވެންވީ ސަބަބެއް ނެތެވެ. "ފަތުރުވެރިކަމުގެ ދާއިރާގައި އަޅުގަނޑުމެން ކުރާ ކަމުގައިވަންޏާ، ވަރަށް ބޮޑު އިތުބާރެއް ލިބިގެންދާނެ، އެމްޑަބްލިޔުއެސްސީ ކަހަލަ ރަނގަޅު ޓީމެއް، ރަނގަޅު އިންޖީނިއަރިން ޓީމެއް އޮތް ކުންފުންޏެއް މަސައްކަތް ކުރާއިރުގައި އެ އިންނަ އިތުބާރުވެސް އިންނާނެ،" މަތީން ވިދާޅުވި އެވެ.
ކުންފުނީގެ އެންމެ ބޮޑު ފައިދާއަކީ މާކެޓް ފުޅާ ކުރުމާއި، ހިދުމަތް ފުޅާ ކުރުން ކަން ފާހަގަކުރައްވަމުން މަތީން ވިދާޅުވީ، ރާއްޖޭގެ ރަށްރަށުގައި ފެނާއި ނަރުދަމާ ހިދުމަތް ގާއިމްކުރުމުގެ މަސައްކަތް ނިމުމުގެ މަރުހަލާގައި އޮތްއިރު، ދެން ހިދުމަތްތައް ފުޅާކުރާނަމަ އެ ދާއިރާއަކީ ފަތުރުވެރިކަމުގެ ދާއިރާ ކަމުގަ އެވެ.
މަތީން އިތުރަށް ވިދާޅުވީ، ޑޮލަރުގެ އަގު ބޮޑުވުމުން ހިދުމަތް ދިނުމަށް އެ ކުރަން ޖެހޭ ހަރަދު ބޮޑުވެގެން ދާއިރުވެސް، މި ބޮޑު ހަރަދު އާއްމު ރައްޔިތުންނާ ހަމައަށް ސަރުކާރުން ނުފޯރުވާ ކަމަށާއި، ކުންފުނިން އެ ހަރަދުތައް އެބްޒޯބް ކުރަމުންދާ ކަމަށެވެ. ދެމެހެއްޓެނިވި ގޮތެއްގައި ހިދުމަތްތައް ފޯރުކޮށްދިނުމުގެ ވާހަކައަކީ މިހާރު ގައުމީ ލެވެލްއެއްގައި ދެކެވެން ޖެހޭ ވާހަކައެއް ކަމަށް މަތީން ފާހަގަކުރެއްވި އެވެ.
އެގޮތުން، ކުންފުނީގައި ހުރި ރިސޯސްތައް ބޭނުންކޮށްގެން އާމްދަނީ ހޯދައިފިނަމަ، ޑޮލަރުގެ މައްސަލަ ފަދަ ކުއްލި ލޮޅުންތަކުން ސަލާމަތް ކުރެވޭނެ ކަމަށް މަތީން ވިދާޅުވި އެވެ. އަދި ދަރަނިތަކުން އަރައިގަނެގެން ނޫން ގޮތަކަށް ކުރިއަށް ނުދެވޭނެ ކަމަށާއި، ހިދުމަތްތައް އިތުރަށް ގާއިމް ކުރެވޭނީވެސް ދަރަނިތަކުން އަރައިގަނެގެން ކަމަށް މަތީން ފާހަގަކުރެއްވި އެވެ.