ކައުންސިލުތަކަށް ސަރުކާރުން ދޭ ބްލޮކް ގްރާންޓު ދޭއިރު ރަށެއްގެ ބޮޑުމިނަށް ބަލައިގެން ދޭގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ބްލޮކް ގްރާންޓް ގޮތުގައި ކައުންސިލްތަކަށް ދޭ ފައިސާގެ އަދަދު މަދުކަމުގެ ޝަކުވާއަކީ ގިނަ ކައުންސިލްތަކުން ފާހަގަކުރާ ކަމެކެވެ. އަދި ބްލޮކް ގްރާންޓް ދޭ ފޯމިއުލާ ބަދަލުކުރަން އެދި މިދިޔަ ސަރުކާރުގައިވެސް ކައުންސިލުތަކުން އެދުނެވެ.
ރައީސް މުއިއްޒު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ލާމަރުކަޒީ ގާނޫނުން ކައުންސިލުތަކަށް ސަރުކާރުން ދޭ އާއްމު ހިލޭ އެހީގެ ފައިސާ ނުވަތަ ބްލޮކް ގްރާންޓް ފޯރުކޮށްދިނުމުގައި ކަނޑައަޅާފައިވާ ފިސްކަލް ފޯމިއުލާގައިވާގޮތުން އާބާދީ ކުޑަ ރަށްތަކަށް ލިބޭވަރު މަދު ކަމަށާއި ނަމަވެސް އާބާދީ ކުޑަ ވިޔަސް ބިމުގެ ގޮތުން ތަނަވަސް ރަށްތަކުގައި މުނިސިޕަލް މަސައްކަތް މަދު ނޫން ކަމަށެވެ.
އަދި ބްލޮކް ގްރާންޓްގެ ފޯމިއުލާ މިހާރު ކަނޑައަޅާފައިވާ ގޮތުން އެ ކައުންސިލްތަކަށް ގެއްލުންވާތީ އެ ފޯމިއުލާ މުރާޖައާކުރުމުގައި ރަށުގެ ބޮޑުމިނަށް ރިއާޔަތްކުރެވޭ ގޮތަށް ބަދަލުކޮށް އަންނަ އަހަރަށް ހުށަހަޅާ ބަޖެޓުގައި ހިމެނުމަށް ނިންމާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެެވެ.