މުހައްމަދުގެފާނު ދެކެ ލޯބިވުމަކީ މުސްލިމުންގެ މައްޗައް އޮތް ވާޖިބެއް: ހުކުރު ހުތުބާ

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 7 ގަޑިއިރު ކުރިން - 5 ސެޕްޓެންބަރު 2025 15:03
އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދުކުރަނީ: ފޮޓޯ/ އިންޓަނެޓް---
އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދުކުރަނީ: ފޮޓޯ/ އިންޓަނެޓް---
ޚުލާސާ

ހުކުރު ހުތުބާގައި ބުނެފައިވާ ގޮތުގައި، ރަސޫލާދެކެ ލޯބިވުމަކީ ގުރުއާނާއި ސުންނަތުން ސާބިތުވާ ކަމެއް ކަމަށް.

ޖިންނީންނާއި އިންސީީންނަށް ތެދުމަގު ދެއްކެވުމަށްޓަކައި މާތްﷲ ފޮނުއްވެވި ރަސޫލާ، މުހައްމަދުގެފާނު ދެކެ ލޯބިވުމަކީ އެންމެހައި މުސްލިމުންގެ މައްޗައް އޮތް ވާޖިބެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

ހުކުރު ހުތުބާގައި ބުނެފައިވާ ގޮތުގައި، ރަސޫލާދެކެ ލޯބިވުމަކީ ގުރުއާނާއި ސުންނަތުން ސާބިތުވާ ކަމެއް ކަމަށެވެ. އަދި އެއީ މާތްﷲ އަމުރު ކުރައްވާފައިވާ ކަމެއްކަމަށް ހުތުބާގައި ވަނީ ބުނެފަ އެވެ.

ހުތުބާގައި ބުނެފައިވާ ގޮތުގައި މުހައްމަދުގެފާނު ރަސޫލުކަމާއިގެން ދުނިޔެއަށް ފޮނުއްވުމުގެ ކުރިން ދުނިޔެ އޮތީ ޖާހިލުކަމުގެ ކަނު އަނދިރީގެ ތެރޭގައި އަނިޔާވެރިކަމާއި ބޭއިންސާފުން ފުރިފައި ކަމަށެވެ. ބާރު އޮތީ ނުފޫޒުގަދަ މީހުންގެ އަތުގައި ކަމަށާއި މީސްތަކުން އެޒަމާނުގައި ތިބީ އެކި ފަންތިތަކަށް ބަހާފައިކަމަށް ހުތުބާގައި ވަނީ ބުނެފަ އެވެ.

ޖާހިލިއްޔަ ޒަމާނުގެ ހާލަތަށް އަލިއަޅުވާލަމުން ހުކުރު ހުތުބާގައި ބުނެފައިވަނީ، އެ ޒަމާނުގައި ޖިންނި ޝައިތާނުންގެ އެހީގައި ކަހީނުކަންކޮށް، ފާލުބަލައި، ރަމަލުޖަހާ މީހުން އުޅުނު ކަމަށެވެ. އެބައިމީހުންގެ ނަސީބުހުރި ނެތް ގޮތް ކިޔައިދީ، މީސްތަކުންގެ ތަނަވަސްކަމަށް އެބައިމީހުން އަރައިގަންނަމުން ދިޔަ ކަމަށް ހުތުބާގައި ވަނީ ބުނެފަ އެވެ.

ޖާހިލިއްޔަ ޒަމާނުގައި އަންހެނުންނަށް އެއްވެސް މަގާމެއް އަދި އަގެއް ނެތްކަމަށާއި، އަންހެނުންނަށް ވާރުތައިން ވެސް އެއްވެސް ހިއްސާއެއް ނުލިބޭކަމަށް ހުތުބާގައި ވަނީ ބުނެފަ އެވެ. އެހެންނަމަވެސް އަންހެނަކު މަރުވެއްޖެނަމަ އޭނާގެ މުދާ އެހެންމީހުންނަށް ވާރުތައިން ލިބޭކަމަށް ހުތުބާގައި ބުނެފައިވެ އެވެ. އަދި ޖާހިލިއްޔަ ޒަމާނުގައި އަންހެންދަރިން ދިރިތިއްބާ ވަޅުލުމަކީ އަރަބިންގެ ތެރޭގައި އާންމުކަމެއް ކަމަށް ހުތުބާގައި ބުނެފައިވެ އެވެ.

އެހެންނަމަވެސް މީސްތަކުން މިފަދަ ހާލެއްގައިވަނިކޮށް މާތްﷲ މީސްތަކުންގެ މައްޗަށް ދަރުމަވެވޮޑިގެން ތެދުމަގައިގެން މުހައްމަދުގެފާނު ފޮނުއްވިކަމަށާއި، އެކަލޭގެފާނު ގެނެސްދެއްވި ދީނުގައި އިންސާފާއި ހަމަހަމަކަން އޮތްކަމަށް ހުތުބާގައި ވަނީ ބުނެފަ އެވެ.

"އެއީ ދުނިޔެއާއި އާހިރަތް ބާއްޖަވެރިކުރެވޭނެ މަގެވެ. އެ ދީނުގެ ސަބަބުން ބައިބައިވެފައި އޮތް މުޖުތަމައު އެކުވެރިވި އެވެ. ހަތުރުން މިތުރުންނަށްވި އެވެ. ނަރަކައިން މިންޖުވެ ސުވަރުގެއަށް ވަދެވޭނެ މަގުފަހިވި އެވެ. މުހައްމަދުގެފާނު ދެކެ ލޯބިވާންޖެހެނީ މި ސަބަބުތަކަށްޓަކަ އެވެ."--- ހުކުރު ހުތުބާގައި ބުންޏެވެ.

ހުކުރު ހުތުބާގައި ބުނެފައިވާ ގޮތުގައި މުހައްމަދުގެފާނު ގެނެސްދެއްވި ރިސާލަތަށް ތަބާވުން ހިމެނޭކަން ވަނީ ފާހަގަކޮށްފަ އެވެ. އަދި އެކަލޭގެފާނުގެ އަރިހުގައި އަޑުމަޑުކުރުމާއި، އެކަލޭގެފާނަށް އިހުތިރާމްކުރުން މީގެތެރޭގައި ހިމެނޭ ކަމަށް ހުތުބާގައި ވަނީ ބުނެފަ އެވެ.

މުހައްމަދުގެފާނަކީ އުންމަތަށް ނުހަނު އޯގާވެރި ބޭކަލެއްކަމަށާއި، އާދައިގެ މުސްލިމުންނެކޭ އެއްގޮތަށް އެކަލޭގެފާނު އެތައް ހަނގުރާމައެއްގައި ބައިވެރިވި ކަމަށް ހުތުބާގައި ވަނީ ބުނެފަ އެވެ. އަދި އެކަލޭގެފާނަކީ ދީލަތިކަމުގެ އިންތިހާކަމަށާއި، މުސްލިމުންގެ މައްޗައް އޯގާތެރިވެވަޑައިގަތުމުގައި ވެސް ނަމޫނާ ބޭކަލެއް ކަމަށް ހުތުބާގައި ވަނީ ބުނެފަ އެވެ. މީގެ އިތުރުން، މުހައްމަދުގެފާނަކީ މީސްތަކުންގެ ކުށްތައް މާފުކޮށްދެއްވުމުގައި ވެސް ނަމޫނާ ބޭކަލެއް ކަމަށް ހުތުބާގައި ވަނީ ބުނެފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%