ދުވާފަރު ދާއިރާގެ ޕީއެންސީ މެމްބަރު މުހައްމަދު އަލީ ދިރިއުޅުއްވަނީ ހަމަ އެކަނި މަޖިލީހުން ލިބޭ މުސާރައިން ކަމަށް ވިދާޅުވެއްޖެ އެވެ.
މެމްބަރު މިހެން ވިދާޅުވީ އޭނާގެ މާލީ ބަޔާނާ ބެހޭގޮތުން ބައެއް މީޑިއާތަަަކުން ފަތުރަމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.
މެމްބަރު އަލީ ވިދާޅުވީ މި ހިންގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގައިވެސް އޭނާ އަކީ އާމްދަނީގެ ގޮތުގައި ހަމައެކަނި މަޖިލީހުން ލިބޭ މުސާރައަކުން ދިރިއުޅެމުންދާ މީހެއްކަމަށެވެ.
އަދި އާމްދަނީ ފޮރުވައިގެން ނުވަތަ ހާމަ ނުކުރަން އުޅެންޖެހޭ ފަދަ ސަބަބެއް ނޯންނާނެކަމަށް މެމްބަރު ވިދާޅުވި އެވެ. އަދި ކުރީގައި މެމްބަރުކަމުގައި ހުންނެވި އިރުވެސް ރައްޔިތުންގެ މަޖިލީހުން ލިބުނު މުސާރައިގެ އިތުރުން އެއްވެސް އާމްދަނީއެއް ނުހޯދާކަމަށް މެމްބަރު ވިދާޅުވި އެވެ.
އިތުރަށް މެމްބަރު ވިދާޅުވީ އެއްވެސް ވިޔަފާރިއެއް އަދި ފައިސާ ލިބޭނެ އިތުރު އެއްވެސް ގޮތެއް ނޯންނާނެކަން އެދާއިރާގެ މެމްބަރުން ދަންނާނެކަމަށެވެ. އަދި އެ ދައުރުގައި ލިބުނު މުސާރައާއި އިނާޔާތްތައް ހަރަދުކޮށްފައިވާނީ ދިރިއުޅުމުގެ ހަރަދުތަކަށާއި ދާއިރާގެ ރައްޔިތުންގެ ބައެއް މުހުތާދުތަކަށް ކަމަށް މެމްބަރު ވިދާޅުވި އެވެ.
އަދި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުން ނާކާމިޔާބު ވުމުން ވަޒީފާ އަދާކުރަމުންދިޔައީ މާލޭގެ ބާޒާރުމަތީގައި ހުންނަ ފިހާރައެއްގައި ކަމަށާއި، ދުވާފަރު ރައްޔިތުން އެކަމަށް ހެކިވާނެ ކަމަށް މެމްބަރު ވިދާޅުވި އެވެ.
މުހައްމަދު އަލީގެ މާލީ ބަޔާނުން އެނގޭ ގޮތުގައި އޭނާއަށް މެއި 28، 2024، އިން މެއި 27، 2025، ގެ ނިޔަަލަށް މަޖިލީހުގެ މުސާރަ އާއި ކޮމިޓީ އެލަވަންސްގެ ގޮތުގައި 924،552.63 ރުފިޔާ ލިބުނެވެ.









