އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، ޙަމާސްގެ ބެލުމުގެ ދަށުގައި ރަހީނު ކޮށްފައި ތިބި އިސްރާއީލުގެ ރައްޔިތުން މަރަމުން ގެންދާ ކަމަށް އިސްރާއީލުގެ ރައްޔިތުން ތުހުމަތުކޮށްފިއެވެ.
އިއްޔެ ހަވީރު އިސްރާއީލުގެ އެތައް ސަތޭކަ ރައްޔިތުން ވަނީ ވެރިރަށް ޓެލް އަވީވް އާއި ހުޅަނގު ގުދުސް ގުޅުވައިދޭ މައި ހައިވޭ ވެސް ބަންދުކޮށްފައެވެ. ޚަބަރުތައް ބުނާ ގޮތުގައި އެ މީހުން ޑިމާންޑު ކުރީ ޣައްޒާގައި ޙަމާސް އިން ހިފަހައްޓާފައިވާ މީހުން ދޫކޮށްލުމަށް ނަތަންޔާހޫ ޞުލްޙަވެރިކަމާއި އެކު ޙަމާސް އާއި ވާހަކަ ދެއްކުމަށް ކަމަށާއި، ރަހީނުން ހޯދުމުގެ ނަމުގައި ޣައްޒާ އަށް ބޮން ނޭޅުމަށެވެ.
މުޒާހަރާގެ ބައިވެރިން ވަނީ ނަތަންޔާހޫގެ ސަރުކާރުން މަޝްވަރާތަކަށް އިހުމާލުވެ، އަސީރުންގެ ފުރާނަ ނުރައްކަލުގެ ތެރެއަށް ވައްޓާލާ ކަމަށް ތުހުމަތު ކޮށްފައެވެ.
އިސްރާއީލުގައި އިއްޔެ ކުރިޔަށް ދިޔަ މުޒާހަރާތައް ހޫނުވެ ރައްޔިތުން އެންމެ ފަހުން ނަތަންޔާހ*ގެ ގެއާއި ހަމަޔަށް ވެސް ދިޔައެވެ. އެއާއި އެކު ފުލުހުންނާއި ޢާންމުން ކުރިމަތިލުމަކަށް ވެސް ދިޔަ ކަމަށް ޚަބަރުތައް ބުނެއެވެ. އިސްރާއީލުގެ ޚަބަރުތައް ބުނާ ގޮތުގައި ފުލުހުން ބާރުގެ ބޭނުން ކުރީ ގުދުސްގައި ހުންނަ ނަތަންޔާހޫގެ ގެކޮޅުގެ ބޭރުގައި އިތުރު މުޒާހަރާތަކެއް ފަށައި، ރޭލުދަތުރުތަކަށް ބުރޫ އެރުމުންނެވެ.
އިސްރާއީލުގައި މުޒާހަރާ ކުރަމުންދާ މީހުން އިއްޔެ ވަނީ ނަތަންޔާހޫގެ ސަރުކާރުން ބަންދުކޮށްފައިވާ ފަލަސްތީނުގެ 10,800 އަށް ވުރެ ގިނަ ރައްޔިތުން މިނިވަން ކުރުމަށް ވެސް ގޮވާލާފައެވެ.