ތިނަދޫ ރޯހައުސްތަކަށް ކުރިމަތިލާން އާދިއްތަ ދުވަހު ހުޅުވާލަނީ

އައިޝަތު ޝިފްނާ ހުސައިން | 3 ގަޑިއިރު ކުރިން - 4 ސެޕްޓެންބަރު 2025 14:12
ގދ. ތިނަދޫގައި އަޅާފައި ހުރި ރޯހައުސް.—-ފޮޓޯ:ތިނަދޫ
ގދ. ތިނަދޫގައި އަޅާފައި ހުރި ރޯހައުސް.—-ފޮޓޯ:ތިނަދޫ
ޚުލާސާ

ރޯހައުސްއަށް އެދި ހުށަހަޅަން ޖެހޭނީ މިނިސްޓްރީގެ ހިޔާވެހި ޕޯޓަލް މެދުވެރިކޮށް

ގދ. ތިނަދޫގައި އަޅާފައިވާ 200 ރޯހައުސް ބޭނުންވާ މީހުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ އާދިއްތަ ދުވަހު ހުޅުވާލާނެ ކަމަށް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބުނެފި އެވެ.

ތިނަދޫގައި ފްލެޓަކަށް 1.2 މިލިއަން ރުފިޔާގެ މަގުން 200 ފްލެޓް އެޅީ ސްރީ ލަންކާގެ ސިއެރާ ކޮންސްޓްރަކްޝަނާއި ސްޓާ ކޮންސްޓްރަކްޝަން އެންޑް އިންޖިނިއާސްގެ ޖޮއިންޓް ވެންޗާއަކާ ހަވާލުކޮށްގެންނެވެ. އެ މަސައްކަތް ފެށީ 2022 ވަނަ އަހަރު އެވެ.

މިއީ ތިން ކޮޓަރީގެ، 700 އަކަފޫޓުގެ ޖާގައިގެ ދެ ފަންގިފިލާގެ އިމާރާތްތަކެކެވެ.

އެ ގެތަކަށް އެދުމުގެ ފުރުސަތު މި އަހަރު ފެބްރުއަރީ މަހު އެ ރަށު ކައުންސިލުން ވެސް ހުޅުވާލި އެވެ. ނަމަވެސް ފަހުން ހައުސިން މިނިސްޓްރީން ވަނީ އެ އިއުލާން ބާތިލް ކޮށްފަ އެވެ.

މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ އާދިއްތަ ދުވަހު ހެނދުނު 9:00 އިން ފެށިގެން ނޮވެމްބަރު މަހުގެ ހަތްވަނަ ވަނަ ދުވަހާ ހަމައަށް، ރޯހައުސްއަށް އެދި ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށެވެ.

ރޯހައުސްއަށް އެދި ހުށަހަޅަން ޖެހޭނީ މިނިސްޓްރީގެ ހިޔާވެހި ޕޯޓަލް މެދުވެރިކޮށެވެ.

މިނިސްޓްރީން އިއްޔެ ވަނީ ތިނަދޫ ރޯހައުސްތައް ދޫކުރުމުގައި އަމަލުކުރާނެ އުސޫލު ވެސް އާންމުކޮށްފަ އެވެ. އޭގައިވާ ގޮތުން މި ރޯހައުސްތަކަށް ކުރިމަތިލެވޭނީ، އުމުރުން 18 އަހަރުވެފައިވާ، ގދ. އަތޮޅުގެ މީހުންނަށެވެ. އަދި ތިނަދުއަށް ހިޖުރަކޮށް އެ ރަށުގައި މެދުނުކެނޑި 10 އަހަރު އުޅެފައިވާ މީހުންނަށް ވެސް ކުރިމަތިލެވޭނެ އެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%