ދެވަނަ ބޮޑު ހަނގުރާމައިގައި ޗައިނާ ރައްޔިތުންނަށް ކާމިޔާބު ލިބުނުތާ 80 އަހަރު ފުރުނު ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންފި އެވެ.
ޗައިނާގެ ބެއިޖިންގެ ޓިއަނަންމެން ސްކޮއާ ގައި މިއަދު ހެނދުނު ބޭއްވި އެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންނެވީ، ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިން ޝަރަފުވެރިކޮށްދެއްވި އެ ރަސްމިއްޔާތުގައި އެމަނިފާނުގެ އަރިހުގައި އެ ގައުމުގެ އެންމެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
އޭގެ އިތުރުން އެ ރަސްމިއްޔާތުގައި، މިހާރު ޗައިނާގައި ކުރިއަށްދާ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގައި ބައިވެރިވަޑައިގަންނަވާ ދުނިޔޭގެ އެހެން ގައުމުތަކުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މިއަދުގެ ރަސްމިއްޔާތު ނިންމާލާފައިވަނީ، ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ ޝަރަފުގައި، ޗައިނާގެ ރައީސް ދެއްވި ފުރަމާނަ ޖާފަތަކަށްފަހުގަ އެވެ.









