ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާންތައް އެ އިދާރާއިން ހާމަކޮށްފި އެވެ.
މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން، މެންބަރުކަމުގެ ހުވާކުރާތާ އެއް އަހަރު ދުވަސް ފުރިހަމަވުމުން، މެންބަރުންގެ މާލީ ބަޔާން ހާމަކުރުމަކީ ލާޒިމު ކަމެކެވެ. މި އުސޫލުގެ ދަށުން، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ހުވާކުރާތާ ތިން މަސްދުވަހުގެ ތެރޭގައި މާލީ ބަޔާން ހުށަހަޅަންޖެހޭ ގޮތަށް ވަނީ ފާސްކޮށްފަ އެވެ. މީގެ އިތުރުން މާލީ ބަޔާން ހުށަހަޅަން ޖެހެނީ ކޮންމެ މީލާދީ އަހަރެއްގެ އޮގަސްޓު މަހުގެ 31 ވަނަ ދުވަހުގެ ކުރިން ކަމަށް ގަވާއިދުގައި ވަނީ ބުނެފަ އެވެ.
މަޖިލީހުގެ ރަސްމީ ވެބްސައިޓުން، ގިނަ މެންބަރުންތަކެއްގެ މާލީ ބަޔާންތައް މިހާރު ވަނީ އާންމުކޮށް ފެންނާނެހެން ޝާއިރުކުރެވިފަ އެވެ. މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާންތައް ހާމަކޮށްފައިވީ ނަމަވެސް 12 މެންބަރެއްގެ މާލީ ބަޔާން ހާމަކޮށްފައެއް ނުވެއެވެ. އެ މެންބަރުންނަކީ:
- ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރު
- ކިނބިދޫ ދާއިރާގެ މެންބަރު ޢަލީ އަޝްރަގު
- ނައިފަރު ދާއިރާގެ މެންބަރު ޔާސީން އަބްދުﷲ
- ކުރެންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާމިން ހަބީބު
- ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު
- ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް
- ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު
- ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަތީފް މުހައްމަދު
- މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހީމް
- މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް
- މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހުމަދު ޒަމީރު
- ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފު
މަޖިލީހުގެ ރަސްމީ ވެބްސައިޓުން އެ މެންބަރުންގެ މާލީ ބަޔާންތައް ނުފެންނަ ސަބަބެއް މަޖިލީހުގެ އިދާރާއިން ބުނެފައެއް ނުވެއެވެ.









