ރާއްޖެއާއި ޗައިނާއާ ދެމެދު 11 މަޝްރޫއުއެއްގެ އެއްބަސްވުންތަކުގައި ސޮއިކޮށްފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 10 ގަޑިއިރު ކުރިން - 2 ސެޕްޓެންބަރު 2025 16:26
ރައީސް މުއިއްޒު އެސްސީއޯ ގެ ސަމިޓުގައި ބައިވެރިވެވަޑައިގަތުން: ފޮޓޯ/ ރައީސް އޮފީސް---
ރައީސް މުއިއްޒު އެސްސީއޯ ގެ ސަމިޓުގައި ބައިވެރިވެވަޑައިގަތުން: ފޮޓޯ/ ރައީސް އޮފީސް---
ޚުލާސާ

މި އެއްބަސްވުންތަކުގެ ސަބަބުން ދެ ގައުމުގެ މެދުގައި އޮތް ދެމެހެއްޓެނިވި އެކުވެރިކަމާއި އިގްތިސާދީ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ.

ރާއްޖެއާއި ޗައިނާއާ ދެމެދު 11 މަޝްރޫއެއްގެ އެއްބަސްވުންތަކުގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ އެކަމަށްޓަކައި ބެއިޖިންގެ، ވަންގްފުޖިންގް ހިލްޓަން ހޮޓެލްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ޝަންގްހާއި ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ގެ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް މިހާރު ޗައިނާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

މިއަދު ސޮއިކުރެވުނު އެއްބަސްވުންތަކުގެ ތެރޭގައި އިގްތިސާދީ ތަރައްގީ، އުމްރާނީ ތަރައްގީ އަދި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން ދެ ގައުމުގެ މެދުގައި އެއްބާރުލުން އިތުރުކުރުމާ ގުޅޭ މުހިންމު އެއްބަސްވުންތަކެއް ހިމެނެއެވެ. ޗައިނާއާއެކު ވެވުނު އެއްބަސްވުންތަކުގެ ތެރޭގައި އައްޑޫގައި މަސްވެރިކަމާއި ކަނޑުދަތުރުފަތުރުގެ ލޮޖިސްޓިކް ހަބެއް ގާއިމުކުރުމުގެ އެއްބަސްވުމާއި، އަތޮޅުތަކުގައި އާ ހަކަތައިގެ ކޮމްޕްލެކްސް މަޝްރޫއެއް ކުރިއަށް ގެންދިއުމުގެ އެއްބަސްވުމާއި، އަދި ޓެކްނިކަލް ޕްރޮފެޝަނަލުން ތަމްރީނުކުރުމުގެ އެއްބަސްވުމެއް ހިމެނެ އެވެ.

މިކަމާއި ގުޅިގެން ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި، މި އެއްބަސްވުންތަކަކީ ކުރިއަށް އޮތް ތަނުގައި ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާކޮށް، ދެމެހެއްޓެނިވި ތަރައްގީއަށް މަގުފަހިކުރާނެ މުހިންމު މަސައްކަތްތަކަކަށް ވެގެންދާނެ ކަމަށް ވަނީ ބުނެފަ އެވެ.

މީގެ އިތުރުން، މި އެއްބަސްވުންތަކުގެ ސަބަބުން ދެ ގައުމުގެ މެދުގައި އޮތް ދެމެހެއްޓެނިވި އެކުވެރިކަމާއި އިގްތިސާދީ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ އެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%