މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުންތައް ކެންސަލްކޮށްފި އެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު މަޖިލީހަށް ބަލައިގަނެ، މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ދިރާސާ ކުރުމަށް ފޮނުވާފައިވަނީ ނިމިދިޔަ އޮގަސްޓް މަހުގެ 27 ވަނަ ދުވަހު އެވެ.
އެގޮތުން އިއްޔެ ކުރިއަށް ގެންދިޔަ ކޮމިޓީގެ ބައްދަލުވުމުގައި، އެ ކޮމިޓީގެ މުގައްރިރު އަދި މާފުށި ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމް ވިދާޅުވެފައިވަނީ، ބަންޑާރަ ނައިބުގެ އޮފީހާއި، ޔޫތު އެމްޕަވާމަންޓް އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓްރީގެ އިތުރުން މޯލްޑީވްސް ޖާނަލިސްޓްސް އެސޯސިއޭޝަން އާއި މިއަދު ބައްދަލު ކުރައްވާނެ ކަމަށެވެ. އެހެން ނަމަވެސް މިއަދު ކޮމިޓީގެ މަސައްކަތްތައް އާންމުކުރި އިރު މި ތިން ބައްދަލުވުމުގެ މަސައްކަތްތައް އާންމުކޮށްފައެއް ނުވެއެވެ.
އެހެންނަމަވެސް ފަހު ވަގުތު އެ ތިން ބައްދަލުވުން ވެސް ވަނީ ކެންސަލްކޮށްފަ އެވެ. މިކަމާއި ގުޅިގެން މަޖިލީހުން ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލާ ގުޅޭ ގޮތުން ހިޔާލު ހޯދުމަށް މިދިޔަ އާދިއްތަ ދުވަހު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ވަނީ ބްރޯޑްކާސްޓިން ކޮމިޝަނާއި މީޑިއާ ކައުންސިލާ ވެސް ބައްދަލުކޮށްފަ އެވެ.









