ތެދުވެރިކަމާއި މުރާލިކަމާއެކު ފުލުހުން ކުރަމުންދާ މަސައްކަތަށް ރައީސުލްޖުމްހޫރިއްޔާ، ޑރ މުހައްމަދު މުއިއްޒު ޝުކުރު އަދާކުރައްވައިފި އެވެ.
ދިވެހި ފުލުހުންގެ ހިދުމަތުގެ ދުވަހުގެ މުނާސަބަތުގައި ރައީސް ވަނީ މިއަދު އެކްސް މެދުވެރިކޮށް ފުލުހުންގެ ހިދުމަތުގައި ދެމިތިބި ހުރިހާ ފުލުހުންނަށް ތަހުނިޔާ ފޮނުއްވާފަ އެވެ.
ރައީސްގެ ޕޯސްޓްގައި، ފުލުހުންގެ ވާޖިބު އަދާކުރުމުގައި ތެދުވެރިކަމާއި މުރާލިކަމާއެކު ދިވެހި ފުލުހުން ރެއާއިދުވާލު ކުރަމުންގެންދާ ބުރަ މަސައްކަތް ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރައްވާފައިވެ އެވެ.
"ވާޖިބު އަދާކުރުމުގައި ތެދުވެރިކަމާއި މުރާލިކަމާއެކު ދިވެހި ފުލުހުން ރެޔާއިދުވާލު ކުރަމުންދާ ބުރަ މަސައްކަތަށް ޝުކުރު އަދާކުރަމުން، ދިވެހި ފުލުހުންގެ ހިދުމަތުގެ ދުވަހުގެ ތަހުނިޔާ އަރިސްކުރަން!" ރައީސް ވިދާޅުވި އެވެ.
ފުލުހުންގެ ހިދުމަތް ފޯރުކޮށްދޭން ޖެހޭނީ ގާނޫނަކުންކަން ކަނޑައަޅައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ 5 އޮގަސްޓު 2008 ވަނަ ދުވަހު އެ ގާނޫނު ތަސްދީގުކުރައްވާފަ އެވެ.