37 އަހަރަށްފަހު ބްރިގޭޑިއާ ޖެނެރަލް ނަޝީދު ސިފައިންގެ ހިދުމަތުން ރިޓަޔާކުރައްވައިފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 3 ދުވަސް ކުރިން - 31 އޯގަސްޓް 2025 15:38
ބްރިގޭޑިއާ ޖެނެރަލް ނަޝީދު ރިޓަޔާކުރެއްވުން: ފޮޓޯ/ އެމްއެންޑީއެފް---
ބްރިގޭޑިއާ ޖެނެރަލް ނަޝީދު ރިޓަޔާކުރެއްވުން: ފޮޓޯ/ އެމްއެންޑީއެފް---
ޚުލާސާ

އަހުމަދު ނަޝީދު ދިވެހި އަސްކަރިއްޔާއަށް ހިދުމަތްކުރެއްވުމަށްފަހު ރިޓަޔާކުރެއްވުމުން ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ހާއްސަ ސިޓީފުޅެއް އޭނާއަށް ހަވާލުކޮށްދެއްވައިފަ.

37 އަހަރުގެ ދިގު މުއްދަތަކަށް ދިވެހި އަސްކަރިއްޔާއަށް ހިދުމަތްކުރެއްވުމަށްފަހު ބްރިގޭޑިއާ ޖެނެރަލް އަހުމަދު ނަޝީދު ޝަރަފުވެރިކަމާ އެކު ސިފައިންގެ ހިދުމަތުން ރިޓަޔާކުރައްވައިފި އެވެ.

މިކަމާއި ގުޅިގެން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އިން ބުނެފައިވަނީ، ރޭ ބަނޑާރަކޮށީ އޮޑިޓޯރިއަމުގައި މިކަމަށްޓަކައި ހާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާ ކަމަށެވެ. އަހުމަދު ނަޝީދު ދިވެހި އަސްކަރިއްޔާއަށް ހިދުމަތްކުރެއްވުމަށްފަހު ރިޓަޔާކުރެއްވުމުން ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ހާއްސަ ސިޓީފުޅެއް އޭނާއަށް ހަވާލުކޮށްދެއްވައިފަ އެވެ. މި ސިޓީފުޅު ނަޝީދަށް ހަވާލުކޮށްދެއްވީ ޑިފެންސް މިނިސްޓަރު ގައްސާން މައުމޫނެވެ.

އެމްއެންޑީއެފްއިން ވެސް ވަނީ ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަހުމަދު ނަޝީދަށް ސިޓީއަކާއި އިހުލާސްތެރި ހިދުމަތް ރަމްޒުކޮށްދޭ ޑެކަރޭޝަން ބޯޑެއް އަރުވައިފަ އެވެ. މި ތަކެތި ނަޝީދާ ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީ އެވެ. މީގެ އިތުރުން ނަޝީދަށް ރިޓަޔާމަންޓްގެ ރަމްޒީ ކާޑެއް ވެސް ވަނީ އަރުވައިފަ އެވެ. އޭނާއަށް މި ކާޑު ހަވާލުކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއާ ޖެނެރަލް އަހުމަދު ގިޔާސް އެވެ.

އަހުމަދު ނަޝީދުގެ ދިގު އަސްކަރީ ހިދުމަތުގައި އެ ހިދުމަތުގެ އިސް ޒިންމާދާރު ގިނަ މަގާމުތަކެއް ވަނީ ފުރުއްވައިފަ އެވެ. އެގޮތުން ޑައިރެކްޓަރޭޓް އޮފް ލޮޖިސްޓިކްސް އެންޑް ރިސޯސް މެނޭޖްމަންޓުގެ ޑައިރެކްޓަރު ޖެނެރަލްގެ މަގާމާއި، ޑައިރެކްޓަރޭޓް އޮފް ލޮޖިސްޓިކްސްގެ ޕްރިންސިޕަލް ޑައިރެކްޓަރުގެ މަގާމާއި، އޯޑްނަންސް ސާވިސްގެ ކޮމާންޑަރުގެ މަގާމާއި ކޮމާންޑިން އޮފިސަރުގެ މަގާމާއި، ކުއާޓާ މާސްޓާ ސާވިސްގެ ކޮމާންޑިން އޮފިސަރުގެ މަގާމާއި، ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕްގެ ކޮމާންޑިން އޮފިސަރުގެ މަގާމާއި، ޓްރާންސްޕޯޓް ސާވިސްގެ ކޮމާންޑިން އޮފިސަރުގެ މަގާމާއި، ސަޕްލައި ޔުނިޓުގެ ކޮމާންޑިން އޮފިސަރުގެ މަގާމާއި އޮފިސަރު ކޮމާންޑިންގެ މަގާމާއި އޮފިސަރު ކޮމާންޑިންގެ އެހީތެރިޔާގެ މަގާމު ހިމެނެ އެވެ.

އަހުމަދު ނަޝީދު ސިފައިންގެ ހިދުމަތުން ރިޓަޔާކުރެއްވިއިރު، އޭނާ ހުންނެވީ ޑައިރެކްޓަރޭޓް އޮފް ލޮޖިސްޓިކްސް އެންޑް ރިސޯސް މެނޭޖްމަންޓުގެ ޑައިރެކްޓާ ޖެނެރަލް އަދި އޯޑްނަންސް ސާވިސްގެ ކޮމާންޑަރުގެ މަގާމުގަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%