ބަނގުރާ ގެންގުޅެ، އޭގެ ބޭނުންކޮށް، އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ތިން ބިދޭސީއަކު ހައްޔަރުކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.
މިކަމާއި ގުޅިގެން ފުލުހުން ބުނެފައިވަނީ މި ހިނގާ އޮގަސްޓް މަހުގެ 27 ވަނަ ދުވަހު މާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހެންވޭރު ގެއަކާއި ސައިކަލެއް ބަލައިފާސްކުރިއިރު 19 ފުޅި ބަނގުރަލާއި 12 ދަޅު ބަނގުރާ ފެނިފައިވާާ ކަމަށެވެ.
މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ ސްރީލަންކާއަށް ނިސްބަތްވާ ތިން މީހުން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެއީ ސެނިތް ހެޝަން ވިކްރަމަސިންހަ (29އ) އާއި، ދުލިތު މަޑުސާކާ (39އ) އަދި ޖިނިތަ މަދުރަންގާ ސެނަވިރަތިން (24އ) އެވެ. މި ތިން މީހުން ވެސް ޑީޕޯޓުކުރުމަށް އިމިގްރޭޝަނާ މިހާރު ހަވާލުކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި މި އޮޕަރޭޝަނަކީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.
މި ތިން މީހުންގެ އިތުރުން، ބަނގުރާ ގެންގުޅުނުކަމުގެ ތުހުމަތުގައި ހުޅުމާލެއިން އިތުރު މީހަކު ވެސް ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ މީހެއްކަމުގައިވާ އެމްޑީ ޖަހަންގިރު ހޮސައިން، (35އ) އެވެ.

ބަނގުރާ ގެންގުޅުމުގެ ތުހުމަތުގައި ހައްޔަރުކުރި އެމްޑީ ޖަހަންގިރު ހޮސައިން: ފޮޓޯ/ ދިވެހި ފުލުހުންގެ ހިދުމަތް---
ފުލުހުން ބުނެފައިވާ ގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ފޭސް އެކެއްގެ ފުލުހުން ރަށުތެރެ ޕެޓްރޯލުކުރުމުގެ ތެރޭގައި، މި ހިނގާ އޮގަސްޓު މަހުގެ 29 ވަނަ ދުވަހު، ރީތިގަސްމަގުން އޭނާ ސައިކަލެއްގައި ދަނިކޮށް އޭނާއާ މެދު ތުހުމަތުކުރެވިގެން، އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު ބަނގުރާކަމަަށް ބެލެވޭ އެއްޗެއްހުރި ނުވަ ފުޅި (500އެމްއެލް) އޭނާގެ އަތުން ފެނުމާއި ގުޅިގެންނެވެ.
މި މައްސަލައާއި ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ 10 ދުވަހަށް އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ.
ފުލުހުން ދަނީ މި މައްސަލަތައް އިތުރަށް ތަހުގީގު ކުރަމުންނެވެ.









