2026 ވަނަ އަހަރުން ފެށިގެން އިންޖިނޭރުންގެ ގައުމީ އެވޯޑް ސަރުކާރުން ދެއްވަން ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ ދިވެހިރާއްޖޭގައި ގައުމީ ފެންވަރުގައި ފުރަތަމަ ފަހަރަށް ފާހަގަކުރާ އިންޖިނޭރުންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގަ އެވެ. ރައީސުލްޖުމްހޫރިއްޔާގެ ހިތާބު ފައްޓަވާފައިވަނީ، ހިދުމަތުގެ އެކި ދާއިރާތަކުގައި މަސައްކަތްކޮށްދެއްވާފައިވާ އަދި މިހާރުވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ހުރިހާ އިންޖިނޭރުންނަށް، ދުވަހުގެ މުނާސަބަތުގައި މަރްހަބާއާއި ޝުކުރު ދަންނަވަމުންނެވެ.
މި އަހަރުން ފެށިގެން، ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ 30 ވަނަ ދުވަހަކީ، ގައުމީ ފެންވަރުގައި ފާހަގަކުރާ، "ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަސް" ކަމުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވީ މި ގައުމުގެ ތާރީހުގައި މިހާތަނަށް ހިންގުނު އެންމެ ބިޔަ އުމްރާނީ ތަރައްގީގެ މަޝްރޫއު ކަމުގައިވާ، ސިނަމާލެ ބުރިޖު އިފުތިތާހުކުރެވުނު ދުވަހަކީ، އޮގަސްޓު މަހެއްގެ 30 ވަނަ ދުވަސް ކަމަށްވާތީ، އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް އެންމެ އެކަށީގެންވާ ދުވަހަކީ، އެ ދުވަސް ކަމަށްވާތީ އެވެ.
ސިނަމާލެ ބުރިޖު ހުޅުވިތާ މިއަދަށް 7 އަހަރު ފުރޭއިރު، މި ބުރިޖުގެ ސަބަބުން ދިވެހީންގެ ދިރިއުޅުމަށާއި، އިގްތިސާދަށް، އަދި އިޖްތިމާއީ ހުރިހާ ހިދުމަތަކަށްވެސް ހެޔޮ ބަދަލުތަކެއް އައިސްފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ ހިތާބުގައި ވަނީ ފާހަގަކުރައްވާފަ އެވެ. 2040 ވަނަ އަހަރަށް ދާއިރު ތަރައްގީވެފައިވާ ގައުމަކަށް ދިވެހިރާއްޖެ ހެދުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިއާއި، ޑިޖިޓަލް ދިވެހިރާއްޖެއެއްގެ އަމާޒަށް ވާސިލުވުމަށާއި، އިއާދަކުރަނިވި ހަކަތައިގެ ރޮނގުން ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވުމަށް އެކި ދާއިރާތަކުގެ އިންޖިނޭރުންގެ އިލްމާއި، ތަޖްރިބާއާއި، އެހީތެރިކަމަށް މި ގައުމު އޮތީ ނުހަނު ބޮޑަށް ބޭނުންވެފައި ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވިދާޅުވި އެވެ.
އިންޖިނޭރުންގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ދެވޭ ގައުމީ އެވޯޑްގެ އިތުރުން، އިންޖިނޭރުންގެ އިލްމީ ދިރާސާތަކަށް ފުރުސަތު ފަހިކޮށްދެއްވައި، އެކި ދާއިރާތަކުން އިންޖިނޭރުކަން ކިޔަވައިދީ، ތަމްރީނު ދިނުމަށް ސަރުކާރުންދޭ ސަމާލުކަން އިތުރުކުރައްވާނެކަމުގެ ޔަގީންކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ހިތާބުގައި ވަނީ ދެއްވާފަ އެވެ.









