ޔުނިވާސަލް އެންޓަޕްރައިސެސްގެ ޗެއާމަން އަދި ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބެފުޅެއްކަމުގައިވާ މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.
ރައީސް އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ އެއްބާނީ ނިޝާން މުލީގޭ އިއްޒަތުގެ ވެރިޔާ މުހައްމަދު އުމަރު މަނިކު އަވަހާރަވީ ހަބަރު އެމަނިކުފާނު އެއްސެވީ ފުން ހިތާމައާއެކުގައި ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގެ ފަތުރުވެރިކަން މިއަދާ ހަމައަށް ތަރައްގީވެ ކުރިއަރައި ދިޔުމުގައި އެމްޔޫ މަނިކު ކުރައްވާފައިވަނީ ތައުރީފް ހައްގު މަސައްކަތްތަކެކެވެ. އަދި ހަމައެހެންމެ، ރާއްޖެއަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ފަތުރުވެރިންގެ ހާއްސަ މަންޒިލަކަށް ހެއްދެވުމަށްޓަކައި އެމްޔޫ މަނިކު ކުރެއްވި މަސައްކަތްޕުޅާއި، އަދާކުރެއްވި ދައުރު ނުހަނު ބޮޑުކަމަށް ރައީސް ވިދާޅުވި އެވެ.
އެމްޔޫ މަނިކު އަވަހާރަވީ ހާލުކޮޅު ދެރަވެ، ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނު 06:30 ހާއިރު، ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލުގަ އެވެ. އެމްޔޫ މަނިކު އަވަހާރަވީ އިރު އުމުރުފުޅަކީ 78 އަހަރެވެ.
އެމްޔޫ މަނިކުގެ މައްޗަށް ގައިބަށް ކުރެވޭ ކަށު ނަމާދު މިއަދުގެ އަސުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި އޮންނާނެ އެވެ.









