އިއްޔެއާއި ރޭ ދަންވަރު އިސްރާއީލުގެ ޒައެނިސްޓުން ޣައްޒާގެ އެކި ތަންތަނަށް ބޮން އަޅައި, ހުކުރު ނަމާދަށް މީހުން ތައްޔާރުވާއިރު ފަލަސްޠީނުގެ 71 މީހުން ޝަހީދުކޮށްލައިފި ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.
ޚަބަރުތައް ބުނާ ގޮތުގައި ރޭގެ ޙަމަލާތައް ވަރުގަދަވެ، ޣައްޒާ ސިޓީ އާއި ދެކުނުގެ ޚާން ޔޫނިސް އާއި ރަފާހުގެ ސަރަޙައްދުތަކުގައި ބޮޑެތި ބޮމުގެ ޙަމަލާތައް ދީފައިވެއެވެ.
ރޭގެ ޙަމަލާތަކަކީ ޒައެނިސްޓުން މި ހަފްތާގައި ދިން އެންމެ ގަދަފަދަ ޙަމަލާތަކެވެ. ޙަމަލާތައް ވަރުގަދަވުމުގެ ސަބަބުން އެތައް ހާސް ޢާއިލާއެއް ރައްކާތެރިކަން ހޯދުމަށް ގެދޮރުން ދޫކޮށް ފިލައިގެން ދާން ޖެހުނު ކަމަށް ޚަބަރުތައް ބުނެއެވެ.
އިސްރާއީލުގެ ހަނގުރާމަމަތީ ބޯޓުތަކުން އާބާދީ ބޮޑެތި އަވަށްތަކަށް މެދުނުކެނޑި ޙަމަލާދެމުންދާތީވެ، މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ވަނީ ޢިމާރާތްތަކުގެ ދަށުގައި ތާށިވެފައި ތިބި ހަށިގަނޑުތައް ހޯދުމާއި ދިރިތިބި މީހުން ސަލާމަތް ކުރުމަށް ދަތިތަކެއް ކުރިމަތިވެފައެވެ.
ޣައްޒާގައި ހޮސްޕިޓަލްތަކުގެ ދަތިކަން ކުރިމަތިވެ، ޞިއްޙީ ސާމާނު މުޅިންހެން ހުސްވެފައި ވާއިރު، ކަރަންޓާއި ސާފު ފެން ހޯދުމުގައި ވެސް ވަނީ ދަތިތަކާއި ކުރިމަތިލާން ޖެހިފައެވެ.
ރޭގެ ޙަމަލާތަކުގައި ޝަހީދުވި މީހުންގެ ތެރެއިން ގިނައީ ޢާންމުންނެވެ.
ހަނގުރާމަ ފެށި ފަހުން ޣައްޒާގައި ޝަހީދުވި ސީދާ ޢަދަދު މިހާރު 70 ހާހާއި ގާތްކުރާ ކަމަށް އދ އިން ބުނާއިރު ޙަމާސް އިން ބުނަނީ ލައްކައަކަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލާފައިވާ ކަމަށެވެ.









