ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކުރަމުން ގެންދާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލަށް ނޫސްވެރިންގެ ހިޔާލު ހޯދުމަށް އަންނަ ހޯމަ ދުވަހު މީޑިއާ ތަކާއި ބައްދަލުކުރަން ނިންމައިފި އެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލާއި ދެކޮޅަށް ބައެއް ނޫސްވެރިން އަޑުއުފުލައި އެ ބިލު މަޖިލީހުން ބޭރުކޮށްލަން ގޮވާލައި މުޒާހަރާ ކުރަމުން ދަނިކޮށް ބިލު ރައްޔިތުންގެ މަޖިލީހަށް ވަނީ ބަލައިގެންފަ އެވެ. އަދި މިހާރު އެ ބިލު ދިރާސާކުރުމުގެ މަސައްކަތް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ވަނީ ފަށައިފަ އެވެ.
މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ނިންމާފައިވަނީ އެ ބިލަށް ހިޔާލު ހޯދުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން އަދި ހިއުމަން ރައިޓްސް ކޮމިޝަންގެ އިތުރުން ޔޫތު މިނިސްޓްރީ އާއި ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާތައް އެ ކޮމިޓީ އަށް ހާޒިރުކުރުމަށެވެ.
މަޖިލީހުގެ އިދާރާއިން ދެންމެ ކުރި އިއުލާނެއްގައި ބުނީ އެ ބިލަށް ހިޔާލު ހޯދުމަށް މީޑިއާތަކާއެކު މަޝްވަރާކުރުމަށް 1 ސެޕްޓެންބަރު 2025 ވާ ހޯމަ ދުވަހުގެ 11:00 ގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށް އެކޮމިޓީން ނިންމަވާފައިވެ އެވ.ެ އެ ބައްދަލުވުމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާ ތަކަށެވެ.
މި މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވެވޭނީ ކޮންމެ މީޑިއާއަކުން ގިނަވެގެން އެއް ބޭފުޅަކަށެވެ. އެކަމަށްޓަކައި ރަޖިސްޓްރޭޝަން ފޯމު ފުރިހަމަކޮށް 31 އޮގަސްޓު 2025 ވާ އާދީއްތަ ދުވަހުގެ 10:00 ގެ ކުރިން ހުށަހަޅަންޖެހެ އެވެ.