މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު އަނބުރާ ގެންދަންޖެހޭ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ޕްރެސްކޮންފަރެސްގައި އުޝާމް ވިދާޅުވީ ބްރޮޑްކާސްޓިން ކޮމިޝަން އަދި މީޑިއާ ކައުންސިލް އެއްކޮށްލުމުގެ މަސައްކަތް ކުރީގެ މަޖިލީހުންވެސް އަދި ބަންޑާރަނައިބުގެ އޮފީހުންވެސް ކޮށްފައިވާ ކަމަށާއި މީޑިއާ ރެގިއުލޭޓް ކުރުމަށް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އެއްކޮށްލުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.
އެގޮތުން ރައްޔިތުންގެ މަޖިލިހުގެ މެމްބަރެއްގެ ގޮތުގައި ކުރިން އުޅުއްވި ދުވަސްވަރުވެސް މިފަދަ ބިލެއްގެ މަސައްކަތް ކުރެއްވި ކަމަށާއި މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބިލާ ގުޅިގެން ލިބިފައިވާ ހުށަހެޅުންތަކަށް ބަލާއިރު މި ބިލަކީ އިތުރަށް ދިރާސާ ކޮށްގެން ކުރިއަށް ދެވިދާނެ ބިލެއް ކަމަށް އުޝާމް ވިދާޅުވި އެވެ.
”އަޅުގަނޑަށް ގަބޫލުކުރެވެނީ، އަޅުގަނޑުގެ އޮޕީނިއަންއަކީ މިހާރު މި ހުށަހަޅާފައިއޮތް ބިލު އިތުރަށް ދިރާސާކުރުމަށްފަހު ރަނގަޅުކޮށްގެން ކުރިއަށް ދެވިދާނެ ކަމަށް. އަޅުގަނޑު ގަބޫލެއް ނުކުރަން ބިލު އަނބުރާ ނަގަންޖެހޭނެ ކަމަކަށް، އަދި މިހާތަނަށް ކުރެވުނު ދިރާސާތަކުގެ އަލީގައި.“ އުޝާމް ވިދާޅުވި އެވެ.
އުޝާމް ވިދާޅުވީ ބިލު އަނބުރާ ގެންދިއުމަށް ނަގަން ނުޖެހޭ ކަމަށް ގަބޫލުކުރައްވަނީ މީޑިއާ ކައުންސިލު އޮގަސްޓް 2022 ގައި މީޑިއާ ކައުންސިލުން ބިލެއްގެ ޑްރާފްޓެއް ފޮނުވާފައިވާތީ އެވެ އެ ޑްރާފްޓް ބިލާއި މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައި މާބޮޑު ތަފާތެއް އޮތް ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށްވެސް ވިދާޅުވި އެވެ.
އޭޖީ ވަނީ، މިހާރު ހުށަހަޅާފައިވާ ބިލާމެދު ނޫސްވެރިންގެ ހުރި ކަންބޮޑުވުންތަކާއި ގެންނަން ބޭނުންވާ އިސްލާހުތައް މަޖިލީހުގެ ކޮމިޓީއަށް ހުށަހެޅުމަށްވެސް އެދިފަ އެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ކުރި ސުވާލުތަކަށް އޭޖީ ދެއްވި ޖަވާބުތަކާއި ގުޅިގެން އަދި ވާހަކަތައް އޮޅުވާލާކަމަށް ބުނެ ނޫސްވެރިން ވަނީ އެ ނޫސްވެރިންގެ ބައްދަލުވުން ދޫކޮށް ނިކުމެފަ އެވެ.