ޣައްޒާގައި ޝަހީދުކޮށްލާފައިވާ 170 އަށްވުރެ ގިނަ ފަލަސްތީނުގެ ނޫސްވެރިންނަކީ "ޓެރަރިސްޓުން" ކަމަށް ބުނެ އިސްރާއީލުން ދައްކަމުންދާ ވާހަކަތައް، ފަލަސްތީނުގެ އިންސާނީ ހައްގުތަކާ ބެހޭ އދ. ގެ ޚާއްސަ ރެޕަޓުއަރ ފްރަންޗެސްކާ އަލްބަނީޒް ހަރުކަށި އިބާރާތުން ދޮގުކުރައްވައި އެކަން ކުށްވެރިކުރައްވައިފިއެވެ.
އިސްރާއީލުގެ އަނިޔާވެރި ސިފައިން ގަސްދުގައި ނޫސްވެރިންނަށް އަމާޒުކޮށް ހަމަލާދީ ޝަހީދުކުރުމަށްފަހު، އެ މީހުންގެ އަގުވައްޓާލައި އެއީ ހަނގުރާމަވެރިން ކަމަށް ދެއްކުމަށް މަސައްކަތް ކުރަމުންދާ ކަމަށް އަލްބަނީޒް ވިދާޅުވިއެވެ. މިއީ ހިންގަމުންދާ ހަނގުރާމައިގެ ޖަރީމާތަކާއި ގަތުލުއާންމު ފޮރުވުމަށްޓަކައި އިސްރާއީލުން ޒަމާނުއްސުރެ ކުރަމުން އަންނަ ނާތަހުޒީބު އަމަލެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
އަލްބަނީޒް ފާހަގަކުރެއްވި ގޮތުގައި، ޣައްޒާގެ މައިދާނުގައި ހަގީގަތް ހާމަކުރުމަށް މަސައްކަތްކުރާ ނޫސްވެރިންނަކީ ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން ހިމާޔަތް ލިބެންޖެހޭ އާންމު ރައްޔިތުންނެވެ. ނަމަވެސް، އިސްރާއީލުން ދަނީ ބައިނަލްއަގުވާމީ ހުރިހާ މިންގަނޑުތަކަކާ ޚިލާފަށް، ޣައްޒާގެ އަނިޔާވެރި ހަގީގަތްތައް ދުނިޔެއަށް ތިލަކުރުން ހުއްޓުވުމުގެ ބޭނުމުގައި ނޫސްވެރިންނާއި އެމީހުންގެ އާއިލާތަކަށް އަމާޒުކޮށް ބޮންއަޅަމުންނެވެ.
ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ގަތުލުއާންމުގައި މިހާތަނަށް ދުނިޔޭގެ އެއްވެސް ހަނގުރާމައެއްގައި ނޫސްވެރިން މަރުނުވާ މިންވަރަށް ނޫސްވެރިން ޝަހީދުކޮށްލާފައިވާއިރު، މި ޖަރީމާތައް ހިންގާ ފަރާތްތައް ބައިނަލްއަގުވާމީ ކޯޓުތަކަށް ހާޒިރުކޮށް އިންސާފު ގާއިމުކުރުމަށް އަލްބަނީޒް ވަނީ ދުނިޔޭގެ ގައުމުތަކަށް ގޮވާލައްވާފައެވެ.




