މި ސަރުކާރަކީ 100 ޕަސެންޓް "މިޑިއާ ޕްރޯ" ސަރުކާރެއް ކަމަށާއި މި ސަރުކާރުގައި ނޫޫސްވެރިންގެ ކަންބޮޑުވުންތައް އަބަދުވެސް އައްސަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މީޑިއާތައް ރެގިއުލޭޓްކުރުމަށް ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާއި ގުޅިގެން ނޫސްވެރިންގެ ހުރި ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ރައީސް މުއިއްޒު ވަނީ މިއަދު ބައެއް ނޫސްވެރިންނާއި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނާއި ބައްދަލުކުރައްވައިފަ އެވެ.
ރައީސް އޮފީހުން ބުނިގޮތުގައި މި ބައްދަލުކުރެއްވުމުމުގައި ރައީސް މުއިއްޒު ވަނީ ޖާނަލިސްޓް އެސޯސިއޭޝަންގެ ފަރާތުން ހުށަހެޅުއްވި ހުރިހާ ކަންބޮޑުވުންތައް އަޑުއައްސަވާ އެކަންކަމާއި މެދު ވިސްނާވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.
ރައީސް އޮފީހުން ބުނީ އެއް ގަޑިއިރަށް ވުރެ ގިނައިރަށް ދެމިގެން ދިޔަ މި ބައްދަލުވުމުގައި، ނޫސްވެރިންގެ ކަންބޮޑުވުންތައް އަބަދުވެސް އަޑުއައްސަވާނެ ކަމަށާ، މިސަރުކާރަކީ ސަތޭކަ ޕަސެންޓް މީޑިއާ ޕްރޯ ސަރުކާރެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިކަމަށެވެ. އަދި ސަރުކާރުގެ ފަރާތުން މީޑިއާއަށް އަބަދުވެސް އެއްބާރުލުން ލިބޭނެކަމަށާއި މީޑިއާއަށް ފަހި މާހައުލެއް ތަނަވަސްކުރުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރައްވާ، ގިނަ ކަންތައްތަކެއް ފަހިކޮށްދެއްވަމުން ގެންދަވާކަމަށް އެމަނިކުފާނު ވިދާޅުވިކަމަށްވެސް ބުންޏެވެ.
ރައީސް އޮފީހުން އިތުރަށް ބުނީ މިބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި މީޑިއާ ރެގިއުލޭޓްކުރުމުގައި ސަރުކާރުގެ ކޮންޓްރޯލް ބާއްވަން ބޭނުންފުޅުނުވާ ކަމަށާއި، މެންބަރުން އައްޔަނު ކުރުމުގައިވެސް ސަރުކާރުގެ އެއްވެސް ދައުރެއް ބާއްވަން ބޭނުންފުޅު ނުވާކަމަށް އެމަނިކުފާނު ވިދާޅުވި ކަމަށެވެ. އަދި މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ބިލުގެ ވަކި ވަކި މާއްދާތަކުގައި ހުރި ކަންބޮޑުވުންތަކަށް ސަރުކާރުގެ ފަރާތުން އިސްލާޙް ހުށަހަޅުއްވާނެކަމަށްވެސް ވިދާޅުވި އެވެ.
މީގެއިތުރުން ރާއްޖޭގެ މީޑިއާގެ މިނިވަންކަން ދެމެހެއްޓުމަށް ހުރިހާ ފަރާތްތަކަށް ސަރުކާރުން އަބަދުވެސް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން މިއަދުގެ ބައްދަލުވުމުގައި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވައިފައިކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.