މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ނަމުގައި މިހާރު މަޖިލީހަށް ހުށަހެޅިފައިވާ ބިލު ބޭރުކޮށްލުމާ ގުޅޭ ގޮތުން ވިސްނަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މި މޭރުމުން ވިދާޅުވެފައިވަނީ މިއަދު ނޫސްވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގަ އެވެ. އެމަނިކުފާނުގެ ވިސްނުންފުޅުގައި މީޑިއާ ކޮންޓްރޯލް ކުރުމުގެ އެއްވެސް ވިސްނުމެއް ނެތްކަމަށާއި، މީޑިއާތައް ކޮންޓްރޯލް ކުރުމަށް އެއްވެސް ފުރުސަތެއް ނުދެއްވާނެކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ. މީގެއިތުރުން، މި ސަރުކާރަކީ ނޫސްވެރިންނާއި ގާތުން މަސައްކަތްކުރާ، މީޑިއާތަކަށް ޕޮޒިޓިވް ސަރުކާރެއް ކަަމަށް ނޫސްވެރިން ގާތު ރައީސް ވަނީ ވިދާޅުވެފަ އެވެ.
ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބިލަށް މަޖިލީހުގެ ކޮމިޓީ މަރުހަލާގައި ނޫސްވެރިން ބޭނުންވާ ބަދަލުތައް ގެނެސްދެއްވާނެކަމުގެ ޔަގީންކަން ރައީސް ވަނީ ނޫސްވެރިންނަށް ދެއްވައިފަ އެވެ.
މަޖިލީހުގެ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލް ހަންނާން އަބޫބަކުރު ހުށަހަޅުއްވާފައިވާ މި ބިލާ މެދު ނޫސްވެރިންގެ އިތުރުން ގިނަ ފަރާތްތަކުން އަންނަނީ ފާޑުކިޔަމުންނެވެ. އެބިލުގައި މީޑިއާތަކާއި ނޫސްވެެރިން ބޮޑު އަދަދަކުން ޖޫރިމަނާކޮށް، ރަޖިސްޓްރީ ބާތިލްކުރެވޭ ގޮތަށް ހިމަނާފައިވާކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މި ބިލު މަޖިލީހުން ބޭރުކުރުމަށް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)ގެ އިސްނެގުމުގެ ދަށުން ނޫސްވެރިން ދަނީ ޕެޓިޝަނެއްގައި ވެސް ސޮއިކުރަމުންނެވެ.