މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ނަމުގައި މަޖިލީހަށް މިހާރު ހުށަހެޅިފައިވާ ބިލާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ނޫސްވެރިންނާއި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)އާ ބައްދަލުކުރައްވަން ނިންމަވައިފި އެވެ.
ރައީސް ނޫސްވެރިންނާއި އެމްޖޭއޭއާ ބައްދަލުކުރައްވަން ނިންމަވާފައިވާއިރު، އިއްޔެ ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި ބިލު ބަލައިގަނެ ކޮމިޓީއަށް ބިލު އިތުރަށް ދިރާސާކުރުމަށް ވަނީ ފޮނުވައިފަ އެވެ. މިކަމާ ގުޅިގެން ނޫސްވެރިން ވަނީ ރައީސް އޮފީސް އަދި މަޖިލިސް ކައިރިއަށް އެއްވެ އިހުތިޖާޖުކޮށްފަ އެވެ. އިއްޔެގެ އެއްވުމުގެ ތެރެއިން ފުލުހުންވަނީ ބައެއް ނޫސްވެރިން ހައްޔަރުވެސް ކޮށްފަ އެވެ. އެހެންނަމަވެސް ޝަރުތުތަކަކަށްފަހު އެމީހުން ވަނީ ފަހުން ދޫކޮށްލައިފަ އެވެ.
މަޖިލީހުގެ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލް ހަންނާން އަބޫބަކުރު ހުށަހަޅުއްވާފައިވާ މި ބިލާ މެދު ނޫސްވެރިންގެ އިތުރުން ގިނަ ފަރާތްތަކުން އަންނަނީ ފާޑުކިޔަމުންނެވެ. އެބިލުގައި މީޑިއާތަކާއި ނޫސްވެެރިން ބޮޑު އަދަދަކުން ޖޫރިމަނާކޮށް، ރަޖިސްޓްރީ ބާތިލްކުރެވޭ ގޮތަށް ހިމަނާފައިވާކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މިކަމާއި ގުޅިގެން ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލު މިއަދު ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ، އެ ބިލުގެ ދަށުން އުފައްދަން ހުށަހަޅާ ކޮމިޝަނުގައި ރައީސްގެ އެއްވެސް ބާރެއް އޮންނަން އެމަނިކުފާނު ބޭނުންފުޅު ނުވާ ކަމަށެވެ. ރަނގަޅުކުރަންޖެހޭ ބައެއް ކަންކަން ބިލުގައި އެބަ ހުރި ކަމަށާއި ކޮމިޓީ މަރުހަލާގައި މަޝްވަރާކޮށްގެން އެކަންކަން ކުރެވިދާނެ ކަމަށް ގަބޫލުކުރައްވާކަމަށް އޭނާ ވިދާޅުވި އެވެ.
މި ބިލު މަޖިލީހުން ބޭރުކުރުމަށް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)ގެ އިސްނެގުމުގެ ދަށުން ނޫސްވެރިން ދަނީ ޕެޓިޝަނެއްގައި ވެސް ސޮއިކުރަމުންނެވެ.









