މައްސަލަބޮޑުވެފައިވާ މީޑިއާ ރެގިއުލޭޓުކުރުމުގެ ބިލަށް ނޫސްވެރިންނާއި ކަމާއިގުޅޭ އިދާރާތަކުގެ ހިޔާލު ހޯދުމަށް އެ ބިލު ދިރާސާ ކުރާ ކޮމިޓީން ނިންމައިފި އެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު ރައްޔިތުންގެ މަޖިލީހަށް އިއްޔެ ބަލައިގެންފައިވާއިރު އެ ބިލު ދިރާސާކުރުމުގެ މަސައްކަތް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި މިހާރު ވަނީ ފަށައިފަ އެވެ.
މިއަދު ބޭއްވި ކޮމިޓީގައި ނިންމާފައިވަނީ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން އަދި ހިއުމަން ރައިޓްސް ކޮމިޝަންގެ އިތުރުން ޔޫތު މިނިސްޓްރީ އާއި ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާތައް އެ ކޮމިޓީ އަށް ހާޒިރުކޮށް، އެ ބިލަށް ހިޔާލު ހޯދުމަށެވެ.
ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލް ހަންނާން އަބޫބަކުރު މަޖިލީހަށް ހުށަހެޅި މި ބިލުގެ މައްސަލަ ބޮޑުވެ ނޫސްވެރިންތަކެއް ވަނީ އިހުތިޖާޖުވެސް ކޮށްފަ އެވެ. ރައްޔިތުންގެ މަޖިލިސް ކައިރިން ފެށުނު މި އިހުތިޖާޖުތައް ރައީސް އޮފީހާއި މުލިއާގެ ކުރިމަތީގައިވެސް ވަނީ ކޮށްފަ އެވެ.
މި ބިލާއި ގުޅިގެން ސަރުކާރުން މީޑިއާތައް ކޮންޓްރޯލުކުރުމަށް އުޅޭކަމަށާއި ނޫސްވެރިކަމުގެ މިނިވަންކަން ގެއްލިގެންދާނެ ކަމަށްބުނެ ބައެއް ނޫސްވެރިން ކަންބޮޑުވުން ފާޅުކުރި ނަމަވެސް މެމްބަރު ހަންނާން އަބޫބަކުރު ވިދާޅުވިގޮތުގައި މި ބިލުން މީޑިއާތައް އިތުރަށް ބާރުވެރިވާނެ އެވެ.
މި ބިލާއި ގުޅިގެން ނޫސްވެރިންނާއި ނޫސްވެރިކަމާއި ގުޅުންހުރި ޖަމިއްޔާތަކުގެ ކަންބޮޑުވުންތައް ހުރިއިރު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މި ބިލު އިސްލާހުކުރުމަށް އަންގަވައިފަ އެވެ.